ވިޔަފާރި / ޚަބަރު

ސޮވަރިން ފަންޑަށް މިއަހަރު 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

ސޮވަރިން ފަންޑަށް މިއަހަރު 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބޯޑު ފޮޓޯ: ފިނޭންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 12:53

27 މޭ 2026، 12:53

މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް ޖުމްލަ 923 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 776 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ.

ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާ އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތުގެ ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 2.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 244 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި މިހާތަނަށް ދައްކާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާ.
  2. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ.

ސަރުކާރުން ވިދާޅުވި ގޮތުގައި މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެންނެވެ.

2016 ވަނަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމަށާއި، ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިޤްތިޞާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ މައިގަނޑު ތިން ދާއިރާއަކުން ލިބޭ އާމްދަނީންނެވެ. އެއީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ޑިވިޑެންޑްގެ އިތުރުން އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުން ލިބޭ އާމްދަނީންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450