Ads by Farudhun

ޚަބަރު

ދިވެހި ޙައްޖުވެރިން ޖަމްރަތުލް އަޤަބާއަށް ހިލައުކުމުގެ އަޅުކަމަށް ތައްޔާރުވެއްޖެ

ދިވެހި ޙައްޖުވެރިން ޖަމްރަތުލް އަޤަބާއަށް ހިލައުކުމުގެ އަޅުކަމަށް ތައްޔާރުވެއްޖެ

ރާއްޖޭގެ ހައްޖުވެރިން - ފޮޓޯ : ހައްޖުކޯޕަރޭޝަން

27 މޭ 2026، 01:01

މިއަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިން، މިނާގެ ޖަމްރަތުލް އަޤަބާއަށް ހިލައުކުމުގެ އަޅުކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ..

ޙައްޖު ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޙައްޖުގެ މުހިންމު ރުކުނެއް ކަމުގައިވާ ހިލައުކުމަށް ފެށުމަށްޓަކައި ދިވެހި ޙައްޖާޖީން މިހާރު ތިބީ ފުރިހަމަ ތައްޔާރީގައި ކަމަށެވެ.

 މި އަހަރުގެ ޙައްޖުގެ އިންތިޒާމުތަކަކީ މިހާތަނަށް ދިވެހި ޙައްޖުވެރިންނަށް އެންމެ ފުރިހަމައަށް ޚިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް ރޭވިފައިވާ ފަހަރު ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މިއަހަރުގެ ޚާއްޞަ އިންތިޒާމުތަކަށް ބަލާއިރު، ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްޞަ ސަރަހައްދެއްގައެވެ. މި ސަރަހައްދުގައި ހަމައެކަނި ދިވެހި ޙައްޖާޖީން ތިބޭ ގޮތަށް ހަމަޖެހިފައިވުމުން، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

1447 ވަނަ އަހަރުގެ މި ޙައްޖު ދަތުރުގައި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ޙައްޖުވެރިންގެ ސިއްހީ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެން، މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލުގައި މިހާރު ވަނީ ކްލިނިކެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. މި ކްލިނިކް މެދުވެރިކޮށް ޙައްޖާޖީންނަށް ބޭނުންވާ ސިއްހީ ފަރުވާ އަވަސްކަމާއެކު ފޯރުކޮށްދެވެމުންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙައްޖުގެ ކަންކަން ހަރުދަނާކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން، މިއަހަރުގެ ޙައްޖު މިޝަނުން އަންނަނީ ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ޙައްޖާޖީންނަށް އެހީތެރިވުމަށްޓަކައި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ދީނީ ނަސޭހަތާއި އިރުޝާދު ދިނުމަށް އިލްމުވެރިންގެ ޓީމެއްވެސް ޙައްޖު ކޯޕަރޭޝަނާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން މިފަހަރު ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ވަރަށް ރަނގަޅެވެ. އަދި ހުރިހާ ޙައްޖުވެރިންވެސް ތިބީ ވަރަށް މަތިވެރި ރޫހެއްގައި އަޅުކަމުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450