ޚަބަރު
ރާއްޖޭގެ އުތުރަށް ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި / ފޮޓޯ: ރާއްޖެ އެމްވީ
ދިވެހިރާއްޖޭގެ އުތުރަށް ކުރިއަށް އޮތް ދެ ދުވަހުގެ ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި، 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި، 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ރާޅުގެ އުސްމިނުގައި 6-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް 4-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.