ދުނިޔެ
ހަމާސްގެ އަސްކަރީ ފިޔައިގެ އިސްވެރިޔާ ޝަހީދުކޮށްލައިފިކަމަށް އިސްރާއިލުން ބުނެފި
އިސްރާއިލުން ޣައްޒާއަށް ހަމަލާދިނުން / ފޮޓޯ: ރޮއިޓާސް
ޣައްޒާގެ އުތުރުގައި ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ފިޔައިގެ އިސްވެރިޔާ މުޙައްމަދު އޫދާ ޝަހީދުކޮށްލައިފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.
މި ހަމަލާ ދީފައިވަނީ މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އޫދާ ޝަހީދުކޮށްލައިފައިވަނީ އަންގާރަ ދުވަހު ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ހަމާސް ޖަމާއަތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އޫދާއަކީ ކުރިން ހަމާސްގެ އިންޓެލިޖެންސް ޗީފްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ.
އޭނާ އަލް-ޤައްސާމް ބްރިގޭޑްސްގެ ވެރިޔަކަށް އައްޔަންކުރެވުނީ މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ހަމަލާއެއްގައި އިއްޒުއްދީން އަލް-ހައްދާދު އަވަހާރަކޮށްލުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަމާސްގެ އަސްކަރީ ގޯފީގެ ހަތަރުވަނައަށް އެންމެ އިސް ކޮމާންޑަރު އިއްޔެ ނައްތާލެވިފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ މަސްތަކެއް ވަންދެން އޫދާގެ ހަރަކާތްތައް އިންޓެލިޖެންސް މެދުވެރިކޮށް ބެލުމަށްފަހު ދިން ހަމަލާއެއް ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި، ޣައްޒާ ސިޓީގެ ރެމާލް ސަރަހައްދަށް ދިން މި ހަމަލާގައި ހަ މީހުން ޝަހީދުވެ 20 މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާ ދީފައިވަނީ މީހުން ގިނަ ބާޒާރުމަތީ ސަރަހައްދަކަށް، މުސްލިމުން އަޟްޙާ އީދަށް ތައްޔާރުވަމުން ދިޔަ ވަގުތެއްގައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އޫދާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު އެކަކެވެ.
އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,800 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ ހަމާސްގެ ސިޔާސީ ގޯފީގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ އާއި ޔަހްޔާ ސިންވާރުގެ އިތުރުން މުޙައްމަދު ދައިފް ފަދަ އިސް ގިނަ ލީޑަރުންތަކެއް ޝަހީދުކޮށްލާފައެވެ.
އޮކްޓޯބަރު 11 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އައި ކަމަށް ބުނި ނަމަވެސް، އޭގެ ފަހުންވެސް ޣައްޒާގެ 906 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 އޮކްޓޯބަރު 7 އިން ފެށިގެން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72,803 އަށް އަރާފައެވެ.