ދުނިޔެ
ބަންގްލަދޭޝްއިން އައިއެމްއެފްގެ އެހީއަށް އެދިއްޖެ
ބަންގްލަދޭޝްގެ މަގެއް. ފޮޓޯ: އޭއެފްޕީ
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބަންގްލަދޭޝްއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީތެރިކަމަށް އެދިއްޖެއެވެ. އައިއެމްއެފްގެ މިޝަން ޗީފް ފޯ ބަންގްލަދޭޝް، އީވޯ ކްރުޒްނާރު ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުން އާ އެހީގެ ޕްރޮގްރާމަކަށް އެދިފައިވާ ކަމަށާއި، އެ ޤައުމުގެ އިޤުތިޞާދީ އިސްލާހީ އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. ކުރިން 66 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށް އަރާފައެވެ. ބަންގްލަދޭޝްއަކީ އެ ޤައުމަށް ބޭނުންވާ ހަކަތައިގެ 95 އިންސައްތަ އިމްޕޯޓްކުރާ ގައުމަކަށްވާއިރު، މި ބަދަލާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ ތެލުގެ އަގު 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން، ހަކަތަ އިޤުތިޞާދު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފާޓިލައިޒާ ފެކްޓްރީތައް ހިންގުން ވަނީ މެދުކަނޑާލާފައެވެ.
ބަންގްލަދޭޝްގެ އެކްސްޕޯޓް އާމްދަނީގެ 80 އިންސައްތަ ހިއްސާކުރާ ތައްޔާރީ ފޭރާމުގެ ސިނާއަތަށް ވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ކަނޑުގެ ދަތުރުފަތުރަށް ހުރަސް އެޅުމުގެ ސަބަބުން ރޯ މެޓީރިއަލްސް ގެނައުމުގެ ހަރަދު ބޮޑުވެ، ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކަށް ފޮނުވަންޖެހޭ މުދާ އެއާޕޯޓްތަކުގައި ވަނީ ތާށިވެފައެވެ. މި ސިނާއަތުގެ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އޯޑަރުތައް 20 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެއެވެ.
ބަންގްލަދޭޝްގެ ބޭރުގެ ދަރަނި މިދިޔަ ޑިސެމްބަރު މަހާ ހަމައަށް 113.5 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކާއެކު، ބޭރު ފައިސާއިން ދަރަނި ދެއްކުމުގެ ޕްރެޝަރު ވަނީ އިތުރުވެފައެވެ. މީގެ ކުރިން ބަންގްލަދޭޝްއަކީ ދަރަނީގެ ނުރައްކާ ކުޑަ ޤައުމެއްގެ ގޮތުގައި އައިއެމްއެފްއިން ކަނޑައަޅާފައި އޮތް ނަމަވެސް، މި ހަނގުރާމައިގެ ސަބަބުން އެ ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ބަންގްލަދޭޝްއަކީ މިހާރުވެސް 2023 ވަނަ އަހަރު ފެށި 5.7 ބިލިއަން ޑޮލަރުގެ އައިއެމްއެފް ޕްރޮގްރާމެއްގެ ދަށުން އެހީތެރިކަން ހޯދަމުންދާ ގައުމެކެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ކުއްލި ހާލަތާ ގުޅިގެން އިތުރު އެހީއަށް އެދިފައިވާއިރު، ވޯލްޑް ބޭންކުން ވެސް ވަނީ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް 350 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ. އައިއެމްއެފްއިން އިންޒާރު ދޭ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ދަރަނީގެ މިންވަރު 2029 ވަނަ އަހަރާ ހަމައަށް ދާއިރު އުފެއްދުންތެރިކަމުގެ 100 އިންސައްތައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.