ޚަބަރު
މުރައިދޫގައި މުޅިން އަލަށް ހަވާ އަރުވަނީ
ނ. ވެލިދޫގައި ކުރިޔަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ވެލިދޫ ކައުންސިލް
ހއ. މުރައިދޫގެ ޢީދު ހަރަކާތްތަކުގެ ތެރެއިން، އެ ރަށުގައި މުޅިން އަލަށް ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ހަރަކާތް އޮންނާނީ މިރޭ 20:45ގައި އެ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ.
"ފަރުދުން" މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު ވިދާޅުވީ، މިއީ އެ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވެފައި ތިބި ކަމެއްކަމަށެވެ. އެހެންކަމުން މުރައިދޫ ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ނިންމެވީ މިކަމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެ ރަށުގެ ރައްޔިތުންނަށް ދިނުމަށްކަމަށް އަމްޖަދު ވިދާޅުވިއެވެ.
އަދި މި ހަރަކާތަށްފަހު މުރައިދޫ ކައުންސިލްގެ އިދާރާ އާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ރައްޔިތުންނަށް އަރުވާ ސައިފޮދެއް އޮންނާނެކަމަށް ވެސް އަމްޖަދު ފާހަގަކުރެއްވިއެވެ.
އަމްޖަދު ވިދާޅުވީ މުރައިދޫގެ ރައްޔިތުންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރުމަށް ޝައުގުވެރިވާ ބައެއް ކަމަށާއި، އެހެންކަމުން ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެ ކަމަށް މަސައްކަތްތަކެއް ކޮށްފައި ވާނެކަމަށެވެ. އެގޮތުން މި ޢީދާ ދިމާކޮށް ކުޑަކުދިންނަށް ޚާއްޞަ ވޯޓަރ ސްލައިޑެއް ވެސް ޤާއިމްކޮށްފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
އަމްޖަދު ވަނީ މިކަންކަމަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެތެރޭގައި މެންބަރު ޝުޖާއުގެ އިތުރުން، ސީގަލް ކޮމްޕެނީ އާއި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އަދި ރަށުގެ ރައްޔިތުންގެ ތެރެއިން މި ކަންކަމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.