ދުނިޔެ / ރިޕޯޓް
ފޭލިގެތަކަކަށް އީދެއް ނާދޭ
ޣައްޒާގެ ހަލާކުވެފައިވާ އިމާރާތްތަކުގެ މެދުގައި ނަމާދުގެ ޖަމާޢަތުގައި ކުރަނީ. ފޮޓޯ: ޑީޕީއޭ
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން، މި އަހަރުގެ އަޟްހާ އީދު ޣައްޒާގެ ރައްޔިތުންނާ ބައްދަލުކުރީ އިންތިހާ ދަރަޖައިގެ ހިތާމަޔާއި ކެކުޅުމުގެ ތެރޭގައެވެ.
ކުރީގެ އީދުތަކުގައި އާއިލީ ބައްދަލުވުންތަކާއި އުފާވެރިކަމުން ފުރިފައި އޮތް ޣައްޒާގެ މަގުތައް މިއަދު ފެންނަނީ ސުންނާފަތިވެފައިވާ މަންޒަރެވެ.
ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ ބަރޫދު އާއިލާއަކީ ކޮންމެ އީދެއްގައި އާއިލީ ފޮޓޯއެއް ނެގުމުގެ އާދަ ގެންގުޅޭ އާއިލާއެކެވެ. ނަމަވެސް މި އަހަރުގެ އީދު އައިއިރު އެ އާއިލާގެ 22 މެންބަރުންގެ ތެރެއިން 13 މީހަކު ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.
ވަލާއު ބަރޫދު ކިޔައިދިން ގޮތުގައި، އެމީހުން މިއަދު ތިބީ އީދު ފާހަގަކުރުމުގެ ބަދަލުގައި، ދާދި ފަހުން ޝަހީދުވި ބަހާ ބަރޫދުގެ ތައުޒިޔާ ކިޔުމުގައި ފޭލިގޭގައެވެ. "މި ހަނގުރާމަ ދަނީ އަހަރެމެންގެ ލޯބިވާ މީހުން ކައި ހުސްކުރަމުން،" އޭނާ ބުންޏެވެ.
ޝުޖާއިއާ އަވަށުން ގެދޮރު ގެއްލި، މިހާރު މަގުމަތީގައި ޖަހާފައިވާ ކުޑަ ފޭލިގެއެއްގައި ދިރިއުޅެމުންދާ އުމުރުން 70 އަހަރުގެ ހައްޖަ ޝަމާ އަލް-ޒުރުބަތުލީ ބުނީ، "ފޭލިގެތަކަކަށް އީދެއް ނާދޭ" ކަމަށެވެ. ކަރަންޓާއި، ފޯނާއި، އިންޓަނެޓްގެ ހިދުމަތުން މަހްރޫމްވެފައިވާ ޝަމާ ބުނީ، އޭނާގެ އަތުގައި އޮތީ އެންމެ ދެ ހެދުން ކަމަށާއި، އީދުގެ އެއްވެސް އުފާވެރިކަމެއް އިހުސާސް ނުކުރެވޭ ކަމަށެވެ.
ހަމަ އެ ސަރަހައްދުގައި ފޭލިގެއެއްގައި އުޅޭ މުހައްމަދު އުބައިދުވެސް ވަނީ އޭނާގެ އަނބިމީހާއާއި، ދެ ފައި އަދި ހަތަރު ބުރީގެ ގެ ހަނގުރާމައިގައި ގެއްލިފައިވާކަމަށް ބުނެފައެވެ.
ޣައްޒާގައި މި އަހަރު މަތިވެފައިވާ ތަކެތީގެ އަގުތަކުގެ ސަބަބުން ގުރުބާނީ ކަތިލުމުގެ އަޅުކަން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. ރޫޔާ ޗެރިޓަބަލް ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ހަނގުރާމައިގެ ކުރިން 350 ޑޮލަރަށް ލިބުނު ކަންބަޅިއެއްގެ އަގު މިހާރު ވަނީ 4,500 އާއި 6,000 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. ބޯޑަރުތައް ބަންދުކޮށްފައިވުމާއި ޖަނަވާރު މަދުވުމުގެ ސަބަބުން، ގިނަ ޖަމިއްޔާތަކުން މިހާރު ބަހަމުންދަނީ ގަނޑުކުރި މަހެވެ.
ބާޒާރުތަކުގައި އީދަށް ތައްޔާރުވުމުގެ ކުލަވަރެއް ނެތެވެ. މުދާ އެތެރެކުރުމުގެ ހަރަދު އަށް ގުނަ ބޮޑުވެފައިވާއިރު، އާންމުންގެ އަތުގައި ފައިސާއެއް ނެތެވެ. ފިހާރަވެރިއެއް ކަމަށްވާ އަމްޖަދު އަކްރަމް ބުނީ، މީހުން ފިހާރައަށް ވަދެ އަގު އަހާފައި، ހައިރާންވެގެން ނުކުމެގެންދަނީ ކަމަށެވެ.
އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހު، ޣައްޒާގެ އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ވަނީ، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުކޮށްލާފައިވާ އެމީހުންގެ ތިމާގެ މީހުންނާއި ދަރިންގެ މަހާނަތަކަށް ޒިޔާރަތްކުރުމަށް ސަހަރާތަކަށް ގޮސްފައެވެ.

މީގެއިތުރުން، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި، ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ޖެހިޖެހިގެން ތިންވަނަ އަހަރަށް ޣައްޒާގައި ޢީދުގެ އުފާފާޅުކުރުންތައް ފެނިގެން ގޮސްފައެއް ނުވެއެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި، އިސްރާއީލުގެ ގަތުލުއާންމުގައި މިހާތަނަށް 73,000 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.