ޚަބަރު
ޢީދު ހަވީރަށް ބޮޑު ތަރުހީބެއް
ޢީދު ހަވީރުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
އަޟްޙާ ޢީދާ ގުޅިގެން މިއަދު ގްރޭޓާ މާލޭ ސަރަޙައްދުގައި ބޭއްވި "ޢީދު ހަވީރު 1447"އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދިޔަ މި "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 16:00އިން 18:00އަށެވެ. މި ހަރަކާތްތައް ކުރިޔަށް އޮތް ދެ ދުވަހު ވެސް އޮންނާނެއެވެ.
މި ހަރަކާތުގެ ތެރެއިން އެމްއެންޑީއެފް އަދި އެހެނިހެން މުއައްސަސާތަކުންވެސް އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލާފައިވެއެވެ. މި ތަކެއްޗަށް ގިނަ ކުދިންގެ ޝައުގުވެރިކަން ބޮޑުއިރު، އެ ތަކެއްޗާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އެ މުވައްސަސާތަކުން ވަނީ ފަހިކޮށްދީފައިވެއެވެ.
މީގެއިތުރުން ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް އަދި ރެޕަލިންގ ކުރުމުގެ ފުރުސަތު ވެސް ކުދިންނަށް ލިބުނެވެ.
އަދި މާލޭގައި ބުރާސްފަތި ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަޙައްދުގައެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، ވެސް މިއަދުން ފެށިގެން މި މަހުގެ 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު"ގައި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެކަމަށް ވެސް އެންއެންޑީއެފްއިން ހާމަކުރެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެއެވެ.