ދުނިޔެ

އައިއެސްއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ބަޔަކު އެނބުރި އޮސްޓްރޭލިއާއަށް ގޮސްފި

އައިއެސްއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ބަޔަކު އެނބުރި އޮސްޓްރޭލިއާއަށް ގޮސްފި

އައި.އެސް.އައި.އެލްގެ ހަނގުރާމަވެރިންނާ ގުޅުން އޮތް ކަމަށް ބެލެވޭ އޮސްޓްރޭލިއާގެ އާއިލާތަކުގެ މެންބަރުން. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2026، 11:03

27 މޭ 2026، 11:03

އައިއެސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ 19 އަންހެނުންނާއި ކުޑަކުދިންގެ ގްރޫޕެއް އެނބުރި އޮސްޓްރޭލިއާއަށް ހިނގައްޖެއެވެ.

 އޮސްޓްރޭލިއާ ސަރުކާރުން ވަނީ އެ މީހުންގެ ތެރެއިން އެއްވެސް ކުށެއްގެ އަމަލެއްގައި ބައިވެރިވެފައިވާކަން ސާބިތުވެއްޖެ ނަމަ، އެ މީހަކަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ސޫރިޔާގެ ރެފިއުޖީ ކޭމްޕަކުން އައި މި ގްރޫޕުގައި ހިމެނެނީ 6 އަންހެނުންނާއި 13 ކުޑަކުދިންނެވެ. މީގެ ތެރެއިން ބައެއް މީހުން ސިޑްނީއަށް ގޮސްފައިވާއިރު، އަނެއް ބަޔަކު ގޮސްފައިވަނީ މެލްބަން އަށެވެ. މިއީ މި މަހުގެ ތެރޭގައި ސޫރިޔާއިން އެނބުރި އޮސްޓްރޭލިއާއަށް އައި ދެވަނަ ގްރޫޕެވެ. މި މީހުން ގެނައުމާ ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނީ އެ މީހުން އެނބުރި އައުމުގައި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.

ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، "މިއީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތަކާ ގުޅި، އެ މީހުންގެ ދަރިން ބަޔާންކުރަން ދަތި ނުރައްކާތެރި ހާލަތަކަށް ހުށަހެޅުމަށް ބިރުވެރި ނިންމުމެއް ނިންމި ބައެއް" ކަމަށެވެ. އޮސްޓްރޭލިއާގެ އަންހެނުން އައިއެސްގެ މެންބަރުންނާ ކައިވެނީގެ ގޮތުން ގުޅުމަށް ސޫރިޔާއަށް ދާން ފެށީ 2012 ވަނަ އަހަރުގައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މަޖުބޫރުން ގެންދިޔަ މީހުން ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުން ބުނީ އެ މީހުން އައި ވަގުތު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، އެ މީހުންނާ ގުޅޭ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. މި މީހުން އެނބުރި އައުމާ ގުޅިގެން އޮސްޓްރޭލިއާގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މެލްބަން އެއާޕޯޓުގައި މި މީހުން ނެރުނު ވަގުތު ބައެއް ހަމަނުޖެހުންތައް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރޭލިއާއަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން އައިއެސްއާ ގުޅުމަށް މެދުއިރުމައްޗަށް ދިޔަ އެ ގައުމުގެ ރައްޔިތުން އަނބުރާ ގެނައުމަށް ފަސްޖެހޭ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ފްރާންސާއި އިނގިރޭސިވިލާތުން ވެސް ވަނީ އައިއެސްގެ ކުރީގެ މެންބަރުން އެނބުރި އައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ސެކިއުރިޓީ މާހިރުން ވިދާޅުވާ ގޮތުގައި، މިފަދަ މީހުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރެވޭނީ އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައަށް އަލުން އަހުލުވެރިކުރުވައިގެންނެވެ. މި މަހުގެ ކުރީކޮޅު ވެސް 17 މީހުންގެ ގްރޫޕެއް އޮސްޓްރޭލިއާއަށް އައިސްފައިވާއިރު، އޭގެ ތެރެއިން ތިން އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450