ދުނިޔެ / ޚަބަރު
ޙައްޖުވެރިން ފައިތިލައިގެ ދުޅަހެޔޮކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ޙައްޖުވެރިން ފޮޓޯ: އިންޓަނެޓް
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި މަޝްޣޫލުވަމުންދާ ޙައްޖުވެރިން، އެބޭފުޅުންގެ ފައިތިލައިގެ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ނެރުނު އިރުޝާދުތަކުގައި ބަޔާންކޮށްފައިވަނީ، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ގިނައިން ހިނގާބިނގާވެ އުޅެންޖެހޭތީ، ގަވާއިދުން ފައިތިލަ ޗެކްކުރުމަށާއި، ފަސޭހަ ފައިވާނަކަށް އިސްކަންދިނުމަށެވެ. އަދި ފައި ދޮވުމަށްފަހު، ފައިގެ އިނގިލިތަކުގެ ދޭތެރެ ހިމެނޭހެން ރަނގަޅަށް ފައި ހިއްކުމަކީ މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ހުސްފައިގައި ހިނގުމުން ދުރުހެލިވުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް ހަކުރުބަލި ހުންނަ ފަރާތްތަކަކީ ފައި ފާރުވުމާއި، ޒަޚަމްވުމުގެ ފުރުޞަތު ބޮޑު ބައެއްކަމަށްވާތީ، އެފަދަ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަންހެން ޙައްޖުވެރިންނަށް އިރުޝާދު ދީފައިވަނީ، ހިނގާބިނގާވެ އުޅުމުގެ ތެރޭގައި ފައި މަށައިގެން ދިއުމާއި ހަމުގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެކަށީގެންވާ އިސްޓާކީނު ބޭނުންކުރުމަށެވެ.
ޞިއްޙީ އެހީތެރިކަމެއް ނުވަތަ ލަފައެއް ބޭނުންވާ ހާލަތްތަކުގައި 937 ނަންބަރަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އިރުޝާދުތަކަކީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ޞިއްޙީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭ ހޭލުންތެރިކުރުވުމުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގައި ޞިއްޙީ ގޮތުން ކުރިމަތިވެދާނެ ހުރަސްތައް މަދުކުރުމެވެ.