ވިޔަފާރި / ޚަބަރު

ދެވަނަ ވައިޑް-ބޮޑީ ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ: އައިލެންޑް އޭވިއޭޝަން

ދެވަނަ ވައިޑް-ބޮޑީ ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ: އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ފޮޓޯ: އައިލެންޑް އޭވިއޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 މޭ 2026، 10:53

28 މޭ 2026، 10:53

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޤައުމީ އެއަރލައިންގެ ފްލީޓަށް އިތުރު ވައިޑް-ބޮޑީ ބޯޓެއް އިތުރުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނައުމަށްފަހު، ދެވަނަ ބޯޓު ގެނައުމުގައި ބައިނަލްއަޤުވާމީ ބާޒާރުގައި ބޯޓުތަކަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،

      އިޔާސް ވިދާޅުވިއެވެ.

އިޔާސް އިތުރަށް ވިދާޅުވީ، އެއަރބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުން މިހާރު އުންމީދީ ނަތީޖާއެއް ލިބިފައިވާ ކަމަށާއި، މިއަހަރުގެ ފަހުކޮޅު ދެވަނަ ބޯޓު ލިބުމާއެކު ބައިނަލްއަޤުވާމީ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ކޮންސަލްޓަންސީއާއި ފީސިބިލިޓީ ސްޓަޑީތަކަށް ބަލައި، ރަޝިޔާއާއި ސައުތު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވިއަންއިން މިހާރު ގެންގުޅޭ އެއަރބަސް އޭ330-200 މަރުކާގެ ވައިޑް-ބޮޑީ ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ޗައިނާ، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން ދާދި ފަހުން އޮސްޓްރޭލިއާއަށްވެސް ވަނީ ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައިވެސް މި ބޯޓު އަންނަނީ ބޭނުންކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ޤައުމީ އެއަރލައިންގެ ޚިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ދިރުމެއް ގެނައުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450