ދުނިޔެ

ހުޅަނގު އައްސޭރީގައި ދަސްވެނިވާ ދަރިވަރުން ގިނަވެ ވަޒީފާ މަދުވެފައި

ހުޅަނގު އައްސޭރީގައި ދަސްވެނިވާ ދަރިވަރުން ގިނަވެ ވަޒީފާ މަދުވެފައި

ފަލަސްޠީނުގެ ޒުވާނުންތަކެއް ފެކްޓަރީއެއްގައި މަސައްކަތްކުރަނީ. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2026، 05:28

28 މޭ 2026، 05:28

އިސްރާއިލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައި ދަސްވެނިން ގިނަވެ ވަޒީފާތައް މަދުވެ ޒުވާނުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.

ހުޅަނގު އައްސޭރީގެ ބެތުލެހެމް ޔުނިވާސިޓީގައި ދަސްވެނިވުމުގެ އުފާވެރިކަން ފާޅުކުރަމުންދާއިރު، އެތައް ހާސް ދަރިވަރުންނެއްގެ ހިތުގައި ވަނީ މުސްތަޤުބަލާ މެދު ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހުވަފެންތައް ދެކެމުން އައި ޒުވާނުންނަށް މިއަދު ކުރިމަތިލާން ޖެހިފައިވަނީ އިނދަޖެހިފައިވާ އިގްތިސާދަކާއެވެ.

ޕަލަސްތީން އިކޮނޮމިކް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓް (މާސް) އިން ހާމަކުރާ ގޮތުގައި، ވެސްޓް ބޭންކުގައި މަދުވެގެން ޑިޕްލޮމާއެއް އޮތް ޒުވާނުންގެ ތެރެއިން 40 އިންސައްތަ މީހުން ތިބީ ވަޒީފާއެއް ނެތިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ހުޅަނގު އައްސޭރީގެ 115,000 އަށްވުރެ ގިނަ މީހުންގެ މަސައްކަތު ހުއްދަ އިސްރާއިލުން ހިފެހެއްޓުމަކީ މި މައްސަލަ އިތުރަށް ގޯސްވި މައިގަނޑު އެއް ސަބަބެވެ.

އިޤުތިޞާދީ ދަތިކަމާއި ވަޒީފާގެ ދަތިކަން

ކިޔަވައި ނިމޭ ދަރިވަރުންގެ އަދަދާ އެއްވަރަށް ހުޅަނގު އައްސޭރީގެ އިޤުތިޞާދު ކުރިއަރަމުން ނުދާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ބެތުލެހެމް ޔުނިވާސިޓީގެ ކެރިއާ ކައުންސެލަރު އިނާސް އިލިޔާސް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަކުން ދެ ވަޒީފާ އިއުލާން ކުރި ނަމަވެސް 60 ނުވަތަ 70 ގްރެޖުއޭޓުން އެކަމަށް ކުރިމަތިލައެވެ. މީގެ އިތުރުން، އިސްރާއިލުން ފަލަސްޠީނުގެ ޓެކްސް ފައިސާ ހިފެހެއްޓުމުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް މުސާރަ ނުލިބޭތީ، އެ ދާއިރާއަށް ދަރިވަރުންގެ އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

މި ހާލަތުގެ ސަބަބުން ގިނަ ކިޔަވައިގެން ތިބި ޒުވާނުންނަށް މަޖުބޫރުވެފައިވަނީ އެމީހުން ކިޔެވި ދާއިރާ ނޫން އެހެން ދާއިރާތަކުން މަސައްކަތް ހޯދާށެވެ. މިސާލަކަށް، ފިޒިއޮތެރަޕީން ދަސްވެނިވި ސަލްސަބީލް ސަލާމާ މިހާރު މަސައްކަތް ކުރަނީ ސުޕަމާކެޓެއްގެ ކެޝިއަރެއްގެ ގޮތުގައެވެ. "މިއީ އަހަރެން ދެކުނު ހުވަފެނެއް ނޫން، އެކަމަކު މިއީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް މަގެއް،" އޭނާ ބުންޏެވެ.

ބެތުލެހެމްގެ ކުރީގެ މޭޔަރު މާހިރު ކަނަވަތީ ވިދާޅުވި ގޮތުގައި، ޤައުމުގެ އެންމެ ޤާބިލު މީހުން މިއަދު ދަނީ ޤައުމު ދޫކޮށް ބޭރަށް ހިޖުރަކުރަމުންނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް ބެތުލެހެމްއިން މާސްޓާސް ޑިގްރީ އޮތް 1,000 އަށްވުރެ ގިނަ މީހުން ޤައުމު ދޫކޮށް ގޮސްފައިވެއެވެ. މީގެ ސަބަބުން ޤައުމު ބިނާކުރުމަށް ބޭނުންވާ އިލްމީ ގާބިލުކަން ފަލަސްތީނުން ގެއްލެމުންދާ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، ފަލަސްތީނުގެ ޒުވާނުން އުއްމީދު ކަނޑައެއް ނުލައެވެ. ދަސްވެނިވި ސިވާރު އަބޫ ކަމާލް ބުނި ގޮތުގައި، ކިތަންމެ ބޮޑު ދަތިތަކެއް ހުރި ނަމަވެސް، އުފާވެރިކަމާއި އުއްމީދުގައި ދެމިތިބުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވާ ކަމެކެވެ. ޔުނިވާސިޓީގެ ކައުންސެލަރުން ދަރިވަރުންނަށް ހިތްވަރު ދެނީ އެމީހުން ހާސިލުކުރި ސަނަދަކީ ކޮންމެ ވަގުތަކުވެސް ބޭނުންކުރެވިދާނެ "ހަތިޔާރެއް" ކަމަށް ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450