ދުނިޔެ

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާ ބަދަލުކުރުންތަކެއް

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާ ބަދަލުކުރުންތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2026، 06:22

28 މޭ 2026، 06:22

ހޮރްމޫޒް ކަނޑުއޮޅީގެ ކައިރީގައިވާ އީރާނުގެ ތަނަކަށް އެމެރިކާއިން ދިން ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާ ސިފައިން ބޭނުންކުރާ ބޭހަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.

މި ހަމަލާތައް ބަދަލުކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އައި.އާރު.ޖީ.ސީއިން ބުނި ގޮތުގައި ބަންޑަރު އައްބާސް އެއާޕޯޓް ކައިރިއަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން، އެ ހަމަލާ އައި އެމެރިކާގެ އެއާ ބޭސްއަށް ބުރާސްފަތި ދުވަހުގެ ފަތިހު 4:50 ގައި ވަނީ ހަމަލާދީފައެވެ. އީރާނުން ހަމަލާދިން ބޭސްގެ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ކުވެއިތުގެ އަސްކަރިއްޔާއިން ވަނީ އެ ޤައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން "ދުޝްމަނުންގެ" ހަމަލާއަކަށް ރައްދުދީފައިވާ ކަމަށް ބުނެފައެވެ. ފަހުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުން ކުވެއިތާ ދިމާލަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ކާމިޔާބީއާއެކު ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ އެއްބަސްވުން ޓްރަމްޕް ދޮގުކުރުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބުނީ، ހަނގުރާމަ ނިންމުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް، އީރާނާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެއްވެސް ޤައުމަކަށް ނޯންނާނެ ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދެއް ކަމަށް ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން އޮމާނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ބުނީ، "އޮމާންވެސް އުޅެންޖެހޭނީ އެހެން އެންމެންވެސް އުޅޭ ގޮތަށް، ނޫންނަމަ އަހަރެމެން ޖެހޭނީ އެމީހުން ގޮއްވާލަން،" ކަމަށެވެ. އީރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބުދަ ދުވަހު ތެލުގެ އަގު 5 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ހަމަލާތަކުގެ ޚަބަރާއެކު ތެލުގެ އަގު ވަނީ 3 އިންސައްތަ މައްޗަށް ޖެހިފައެވެ. މީގެ އިތުރުން ހިއްސާގެ ބާޒާރު ދަށަށް ގޮސް، އެމެރިކާ ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.

އީރާނުގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް އަޒީޒީ ވިދާޅުވީ، ޓްރަމްޕްގެ ބިރުދެއްކުންތަކުގެ ސަބަބުން ޔުރޭނިއަމް މުއްސަނދިކުރުމާއި ހޮރްމޫޒް ކަނޑުއޮޅީގެ ބާރުވެރިކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ކޭޓޯ އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ ޑަގް ބެންޑޯ ވިދާޅުވި ގޮތުގައި، ޓްރަމްޕް މިހާރު ހުންނެވީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، އީރާނުން ބޭނުންވާ ގޮތަށް އެއްބަސްވުމަކަށް އައުން ނޫން ގޮތެއް ޓްރަމްޕަށް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450