ދުނިޔެ
ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި 10 މީހުން ޝަހީދުވެއްޖެ
ޣައްޒާއަސް އިސްރާއިލުން ދިން ހަމަލާތަކަށްފަހު. ފޮޓޯ: އުސާމާ ކަޙްލޫތް
ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 10 މީހުން ޝަހީދުވެފައިވާ ކަމަށް ޞިއްޙީ އޮފިޝަލުން ބުނެފިއެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭއިރު، މިއީ ނަމެއްގައި އޮތް "ސީޒްފަޔަރ" ނުވަތަ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އިސްރާއީލުން ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.
ބުދަ ދުވަހުގެ ރޭ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު 20 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލްޖަޒީރާގެ ރިޕޯޓަރު ހިންދު ޚުޟަރީ ބުނި ގޮތުގައި، މި ހަމަލާ ދިން ވަގުތު ކައިރީގައި އޮތް ޕާކެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ކުޅެން ތިއްބެވެ. މި ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި ވައިގެ ހަމަލާ ދީފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ވެރިޔާ މުޙައްމަދު އޫދާގެ ޖަނާޒާ ބޭއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އޫދާ ޝަހީދުކޮށްލާފައި ވަނީ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާގައި އޭނާގެ އަންބަކާއި ދަރިއަކުވެސް ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާ ގޮތުގައި އޫދާއަކީ އޮކްޓޯބަރު 7 ގެ ހަމަލާ ދިންއިރު ހަމާސްގެ އިންޓެލިޖެންސްގެ އިސްވެރިޔާއެވެ.
އޫދާގެ އާއިލާ މީހެއް ކަމަށްވާ އަބޫ އަލް-ޢަބްދު އޫދާ ރޮއިޓާސްއަށް ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް ބުނާ ވާހަކައަކީ ދޮގެކެވެ. "ހަނގުރާމަ ހުއްޓިއްޖެ ކަމަށް ބުނުމަކީ ހުސް ދޮގާއި ބޭކާރު ވާހަކަ. ފަލަސްތީނުގެ ރައްޔިތުންނަށް ހަނގުރާމަ ހުއްޓުމެއް ނެތް، އަދި ދިރިއުޅުމުގެ ހާލަތަށް އައި އެއްވެސް ކުރިއެރުމެއް ނެތް،" އޭނާ ބުންޏެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން 3,000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ވައްދަންޖެހޭ އެހީގެ ލޮރީތަކުގެ ތެރެއިން ވަދެފައިވަނީ އެންމެ 36 އިންސައްތަ ލޮރީ ކަމަށްވެސް އެ އޮފީހުން ފާހަގަކުރިއެވެ.
މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއެކު، އިސްރާއީލާއި ހަމާސް އަލުން ފުރިހަމަ ހަނގުރާމައަކަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ދެ ފަރާތުންވެސް ދަނީ އެއްބަސްވުމާ ޚިލާފުވާ ކަމުގެ ތުހުމަތު އެކަކު އަނެކަކަށް ކުރަމުންނެވެ. އިސްރާއީލުން ބުނަނީ ހަމާސްއިން ހަތިޔާރު ބަހައްޓަން ދެކޮޅު ހެދުމަކީ ހުރަހެއް ކަމަށެވެ. ނަމަވެސް ހަމާސްއިން ބުނަނީ މަޝްވަރާތައް ހުއްޓިފައިވަނީ އިސްރާއީލުން ހަމަލާތައް ކުރިއަށް ގެންދިއުމާއި އެހީ ވެއްދުމަށް ހުރަސްއަޅާތީ ކަމަށެވެ.