ދުނިޔެ
ލާއޯސްގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވި މީހުންގެ ތެރެއިން 5 މީހުން ފެނިއްޖެ
ރެސްކިއު ޓީމުން ހޮހޮޅައިގައި ހަރަކާތްތެރި ވަނީ / ފޮޓޯ: ރޮއިޓާސް
ލާއޯސްގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވި 7 މީހުންގެ ތެރެއިން 5 މީހުން ފެނިއްޖެއެވެ.
އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ލާއޯސްގެ ވެރިރަށް ވިއެންޓިއާންގެ އިރުއުތުރުން އޮންނަ މެދުތެރޭ ޒައިސޮމްބޫން ޕްރޮވިންސްގައެވެ. މި ޙާދިސާ ހިނގަން މެދުވެރިވީ، އެ 7 މީހުން މި މަހުގެ 20ވަނަ ދުވަހު އެ ހޮހޮޅައަށް ވަތް ފަހުން، ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެން ބޮޑުވުމުންނެވެ.
ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއިން ޑައިވްކޮށްގެން ހޮހޮޅައިގެ ތެރެއަށް ވަތް ރެސްކިއު ޓީމުން ހާމަކޮށްފައިވާ ގޮތުގައި، ފެނުނު 5 މީހުންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް އެ މީހުން ހޮހޮޅައިން ނެރުމަކީ ބޮޑު ގޮންޖެހުމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ރެސްކިއު ޑައިވަރުންތައް ދެން މަސައްކަތް ކުރާނީ ފެނުނު 5 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އަދި މިހާތަނަށް ނުފެންނަ 2 މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމަށް ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފިންލޭންޑުގެ ޑައިވަރެއް ކަމަށްވާ މިއްކޯ ޕާސީ ބުނީ، ފެނުނު މީހުން ތިބީ 300 މީޓަރު އެތެރޭގައި ކަމަށާއި، އެ މީހުން ތިބި ސަރަޙައްދަށް ދާން އޮންނަ މަގުގެ ގިނަ ހިސާބުތައް ވަރަށް ހަނި ކަމަށާއި، ބައެއް ހިސާބުތަކުން ހިލަތައް ވެއްޓުމުގެ ބިރުވެރިކަމާއި އަދި ވިހަ ގޭސް ހުރުމުގެ ނުރައްކާ ވެސް އޮތް ކަމަށެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވާ ތައިލެންޑުގެ ރެސްކިއު ޑައިވަރެއް ކަމަށްވާ ނޮރަސެޑް ޕަލާސިން އާއި ޕާސީއަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ހޮހޮޅައެއްގައި ތާސިވި ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ވެސް ހަރަކާތްތެރިވި ދެ ޑައިވަރުންނެވެ.