ދުނިޔެ

ޔަމަނުގެ ކުރީގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ އަވަހާރަވެއްޖެ

ޔަމަނުގެ ކުރީގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ އަވަހާރަވެއްޖެ

ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ. ފޮޓޯ: ގެޓީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2026، 09:59

28 މޭ 2026، 09:59

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ބަންދުން ސަލާމަތްވެވަޑައިގެން، ސައުދީ އަރަބިއްޔާގައި ހިޖުރަކުރައްވައިގެން އުޅުއްވި އެ ޤައުމުގެ ކުރީގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޔަމަނުގެ ރަސްމީ ޓީވީން ބުނި ގޮތުގައި ހާދީ އަވަހާރަވީ ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ އެ މަނިކުފާނުގެ ގޭގައެވެ.

ހާދީއަކީ ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަނުގެ ރައީސްގެ ގޮތުގައި އަށް އަހަރު ވަންދެން ހިޖުރައިގައި ހުންނަވައިގެން ސަރުކާރު ހިންގެވި ބޭފުޅެކެވެ. އެ މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ 2022 ވަނަ އަހަރުގައެވެ. ހާދީ އަވަހާރަވުމާ ގުޅިގެން ޔަމަނުގެ ސަރުކާރުން ވަނީ ތިން ދުވަހުގެ ޤައުމީ ހިތާމަ އިއުލާނުކޮށް، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ.

ޔަމަނުގެ ލީޑަރޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމީ ވިދާޅުވީ، ހާދީއަކީ ޔަމަނުގެ ރައްޔިތުންނަށް އިންސާފުވެރި ދައުލަތަކާއި، މިނިވަންކަމާއި އިންސާނީ ކަރާމާތް ހޯދައިދިނުމަށް ގަބޫލުފުޅުކުރެއްވި ބޭފުޅެއް ކަމަށެވެ. "އެމަނިކުފާނަކީ ޖުމްހޫރީ ނިޒާމު ދިފާއުކުރުމުގެ ހަނގުރާމައިގެ އިސްވެރިޔާ،" އަލް އަލީމީ އެކްސްގައި ލިޔުއްވާފައިވެއެވެ.

ހާދީ ސައުދީ އަރަބިއްޔާއަށް ފިލައިގެން ވަޑައިގަތީ 2015 ވަނަ އަހަރު، އީރާނުގެ ތާއީދު އޮންނަ ހޫތީން ވެރިރަށް ސަންއާ ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، ސައުދީގެ ފިއްތުންތަކާއެކު އެމަނިކުފާނުގެ ބާރުތައް ލީޑަރޝިޕް ކައުންސިލާ ހަވާލުކުރެއްވިއެވެ.

ހާދީ ވެރިކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރު، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ 33 އަހަރުވީ ވެރިކަން އަރަބި ބަހާރުގެ މުޒާހަރާތަކާ ގުޅިގެން ނިމުމަކަށް އައުމުންނެވެ. އަސްކަރީ ދާއިރާގެ ބޭފުޅެއް ކަމަށްވާ ހާދީ އަކީ އެ އިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ. އެ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ވޯޓުގެ 99.8 އިންސައްތަ ހޯއްދަވައިގެންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ބަޔަކު މަރުވެފައިވާއިރު، މިހާރުވެސް އެ ގައުމުގެ އުތުރު އޮތީ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ޔަމަނުގެ 19.5 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވިއެވެ. ހާދީ އަވަހާރަވިއިރު އަނބިކަނބަލުން ހާލާގެ އިތުރުން ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450