ދުނިޔެ
އަނިމޭ ބޭނުންކޮށްގެން ޑިޕްރެޝަނަށް ފަރުވާ ދެވިދާނެތަ؟
ޖަޕާނުގެ ޝޮޕިންގ މޯލްއެއްގެ ބޭރުގައި އަނިމޭ ޕޯސްޓަރުތަކެއް ހަރުކޮށްފައި. ފޮޓޯ: ޝަޓަރސްޓޮކް
ޖަޕާނުގައި ކުރިއަށްގެންދިޔަ އާ ދިރާސާއަކުން ދައްކާގޮތުގައި، އަނިމޭ ނުވަތަ ކާޓޫން ކެރެކްޓާތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް، ހާއްސަކޮށް ޑިޕްރެޝަނަށް ފަރުވާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.
ޔޮކޮހާމާ ސިޓީ ޔުނިވަރސިޓީގެ ސައިކިއޭޓްރިސްޓް ފްރެންޗެސްކޯ ޕަންޓޯ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާއަކީ އެހީތެރިކަމަށް އެދެން އުނދަގޫވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕައިލެޓް ޕްރޮގްރާމެކެވެ.
މި ދިރާސާގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ 20 މީހަކު ބައިވެރިކޮށްފައިވެއެވެ. މި މީހުންނަށް ކައުންސެލިންގ ދީފައިވަނީ އޮންލައިންކޮށް، އަނިމޭ ކެރެކްޓާއެއްގެ ސިފައިގައި ހުރި ސައިކޮލޮޖިސްޓެއް މެދުވެރިކޮށެވެ. މި ކެރެކްޓާގެ އަޑުވެސް ހުރީ ޑިޖިޓަލްކޮށް ބަދަލުކޮށްފައެވެ. ޕަންޓޯ ގަބޫލުކުރައްވާ ގޮތުގައި "ޚިޔާލީ ފިލްޓަރެއް" މެދުވެރިކޮށް ވާހަކަދެއްކުމުން، ބަލިމީހުންނަށް އެމީހުންގެ މައްސަލަތައް ހިއްސާކުރަން ފަސޭހަވެގެންދެއެވެ.
ކެރެކްޓާތަކާއި ނަފްސާނީ ދުޅަހެޔޮކަން
މި ދިރާސާއަށް ހާއްސަކޮށްގެން ތަފާތު ހަ ކެރެކްޓާއެއް އުފައްދާފައިވެއެވެ. ކޮންމެ ކެރެކްޓާއަކީވެސް ވަކި ކަހަލަ ނަފްސާނީ އުނދަގޫތަކެއް ހުންނަ ކެރެކްޓާއެކެވެ. މިސާލަކަށް ބައިޕޯލާ ޑިސްއޯޑާ ނުވަތަ އެންޒައިޓީ ފަދަ ކަންކަން ތަހައްމަލުކުރާ ކެރެކްޓާތައް މީގެ ތެރޭގައި ހިމެނެއެވެ. "އަހަރެން މަސައްކަތް ކުރީ ކޮންމެ ކެރެކްޓާއެއްގެ ތެރެއަށްވެސް ވަކި ނަފްސާނީ ހަނގުރާމައެއް އިންފިއުޒް ކުރަން،" ޕަންޓޯ ވިދާޅުވިއެވެ.
މި ދިރާސާގައި ބައިވެރިވި 24 އަހަރުގެ ޒުވާނަކު ބުނިގޮތުގައި، އަނިމޭ ކެރެކްޓާތަކުން އޭނާއަށް ދިރިއުޅުމުގެ އުންމީދު އާވެގެންދިޔައެވެ. "އަނިމޭގެ ސަބަބުން އަހަރެން ދިރިހުންނަން ބޭނުންވި. އެ ކެރެކްޓާތައް އެމީހުންގެ ހުވަފެންތަކަށްޓަކައި ބުރަކޮށް މަސައްކަތްކުރާ މަންޒަރު ފެނުމުން އަހަރެންގެ އަމިއްލަ މައްސަލަތަކަށް ހައްލު ހޯދަން ހިތްވަރު ލިބުނު،" އޭނާ ކިޔައިދިނެވެ.
ޖަޕާނުގެ ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތައް
ޖަޕާނަކީ ނަފްސާނީ އެހީތެރިކަން ހޯދުމުގައި ބޮޑެތި އިޖުތިމާއީ ހުރަސްތަކެއް ހުރި ގައުމެކެވެ. 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގެ އާބާދީގެ އެންމެ 6 އިންސައްތަ މީހުން ނޫނީ ނަފްސާނީ ކައުންސެލިންގ ހޯދާފައެއް ނުވެއެވެ. ދިރާސާގައި އިސްކޮށް އުޅުއްވާ އެސިސްޓަންޓް ޕްރޮފެސަރ މިއޯ އިޝީ ވިދާޅުވީ، ގިނަ ޒުވާނުންނަށް މުޖުތަމައުގައި އުޅެން އުނދަގޫވާ ކަމަށާއި، މިފަދަ އާ ގޮތްތަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ދިރާސާގެ ފުރަތަމަ މަރުހަލާގައި ބައިވެރިންގެ ހިތުގެ ވިންދާއި ނިދުމުގެ އާދަތަކަށް އައި ބަދަލުތައް ވަނީ ބަލާފައެވެ. ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން، ސައިކޮލޮޖިސްޓަކާ ނުލައިވެސް މިފަދަ ފަރުވާ ދެވިދާނެތޯ ޕަންޓޯ ދަނީ ބަލަމުންނެވެ. މި އީޖާދީ ފަރުވާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ އެހީތެރިކަން ހޯދަން ޖެހިލުންވާ މީހުންނަށް ހުޅުވިގެންދާ އާ ދޮރަކަށް ވާނެ ކަމަށް ދިރާސާވެރިން އުންމީދު ކުރެއެވެ.