ޚަބަރު
އިންޑިއާއަށް ދާއިރު 'ސެލްފް ޑެކްލަރޭޝަން' ފޯމު ހުށަހަޅަން ޖެހޭގޮތް ހަދައިފި
އިންޑިއާގެ ތާޖް މަހަލް
ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ބާރުމިނެއްގައި އިބޯލާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ މީހުން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަންޖެހޭ ގޮތަށް އެ ޤައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ.
މި ނިންމުމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިބޯލާ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އާންމު ސިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް އިންޑިއާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ.
ޑީޖީސީއޭއިން ނެރުނު އެންގުމުގައިވާ ގޮތުން، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް ފްލައިޓް ތެރޭގައި ދޭ ސިއްޙީ އިރުޝާދުތަކަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ދަތުރުވެރިންގެ އަމިއްލަ ސިއްޙީ ހާލަތު ބަޔާންކުރާ "ސެލްފް ޑެކްލަރޭޝަން" ފޯމު ފުރުމަށްފަހު، އިންޑިއާއަށް ގޮސް އެ ޤައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅަންޖެހޭނެއެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގައި އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ފޯމު ފަސޭހައިން ލިބޭނެ އިންތިޒާމު މޯލްޑިވިއަންގެ ވެބްސައިޓްގައި މިހާރު ވަނީ ހަމަޖައްސާފައެވެ.
Heading to India? ✈️
— MaldivianAero (@MaldivianAero) May 28, 2026
Don’t forget your mandatory Self-Declaration Form!
Scan the QR code to fill it out before your flight and present it at Immigration upon arrival.#MaldivianAero pic.twitter.com/I03jJXLRYj
އިންޑިއާގައި މިހާތަނަށް އިބޯލާ ވައިރަހުގެ އަލާމާތް ހުރި ކަމަށް ބެލެވިގެން ބައެއް މީހުން ޓެސްޓުކޮށްފައިވާއިރު، މިހާތަނަށް ނަތީޖާ ލިބުނު އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. ނަމަވެސް، އިތުރަށް ސަމާލުވުމުގެ ގޮތުން އެ މީހުން ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން އެ ޤައުމުގެ ސިއްޙީ އިދާރާތަކުން ވަނީ ނިންމާފައެވެ.
މި ބައްޔާ ގުޅޭގޮތުން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވީ، ރާއްޖެއަށް މި ބަލި އައުމުގެ ފުރުޞަތު އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލި ބާރަށް ފެތުރެމުންދާ ޤައުމުތަކަށާއި ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.