ވިޔަފާރި / ޚަބަރު

އަންނަ އަހަރު ކުރީކޮޅު ނާގޮށި ތަރައްގީކޮށް ނިންމަނީ

އަންނަ އަހަރު ކުރީކޮޅު ނާގޮށި ތަރައްގީކޮށް ނިންމަނީ

ހދ. އަތޮޅުގައި ފަތުރުވެރިކަމަށް ތަރައްޤީކުރާ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ނާގޯށި ފޮޓޯ:އެމްޓީޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 12:05

29 މޭ 2026، 12:05

ހދ. އަތޮޅުގައި ފަތުރުވެރިކަމަށް ތަރައްޤީކުރާ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރަށުގެ އަމަލީ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ. ނިޔާޒު ފާހަގަކުރެއްވި ގޮތުގައި، މީގެ 12 އަހަރު ކުރިން ހަދާފައި ހުރި ސްޓްރަކްޗާތައް ބާވެ ހަލާކުވުމާއި ޓޫރިޒަމް ޤާނޫނަށް އައި ބަދަލުތަކާ ގުޅިގެން ޕްލޭނިންގ މަރުހަލާގައި ކުރިން އުންމީދުކުރި ވަރަށްވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މިހާރު މަސައްކަތްތައް ދަނީ ހަލުވިކަމާއެކުގައެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ނިޔާޒު ވިދާޅުވީ، ރަށަށް ބޭނުންވާ މެޓީރިއަލްސް ގެންދިއުމާއި، ކަރަންޓު ވިއުގަ އެޅުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރަށުގެ ލޭންޑްސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ރިސޯޓުގެ މޮކަޕް ރޫމްތައް ހެދުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިމަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ ހަމަޖައްސަވައިދެއްވާފައެވެ.

އެމްޓީޑީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ، އަދި ވޯޓާ ވިލާ ހިމެނޭހެން ހަތަރު ގިންތިއެއްގެ ކޮޓަރި ހުންނާނެއެވެ.

2006 ވަނަ އަހަރުން ފެށިގެން އެކި ކުންފުނިތަކާ ހަވާލުކުރެވި، މަސައްކަތް ނުފެށި އޮތް މި ރިސޯޓު ނިމުމުން، ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 600 އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ނިޔާޒު ވަނީ ހދ. އަތޮޅުގެ ކައުންސިލްތަކުން މިކަމުގައި ދޭ އެހީތެރިކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ ކުރީކޮޅު ރިސޯޓު ހުޅުވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450