ވިޔަފާރި / ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ވެލާނާ އެއަރޕޯޓްގައި ފަތުރުވެރިން ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 12:27

29 މޭ 2026، 12:27

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މީގެ ކުރިން ދަށްވި ނަމަވެސް، މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުރުވެރިންނާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވި ދެ މަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވީ، ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް، އެމިރޭޓްސް، ފްލައި ދުބާއީ އަދި އިއްތިހާދު އެއަރލައިންސް ފަދަ އެއަރލައިންތަކުގެ ދަތުރުތަކަށް ބުރޫ އެރުމުގެ ސަބަބުންނެވެ. އެ ދުވަސްވަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 4,000 އެއްހާ ފަތުރުވެރިންނެވެ.

ނަމަވެސް، މިހާރު އެ އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ސަރުކާރުން ކުރި ގިނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 6,286 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:

ޗައިނާ: 141,339 ފަތުރުވެރިން
ރަޝިއާ: 121,826 ފަތުރުވެރިން
އިނގިރޭސިވިލާތް: 79,473 ފަތުރުވެރިން
އިޓަލީވިލާތް: 68,906 ފަތުރުވެރިން
ޖަރުމަނުވިލާތް: 60,591 ފަތުރުވެރިން


މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކާއެކު، ކުރިއަށް އޮތްތަނުގައި މި ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިދާއިރާގެ ތަޖުރިބާކާރުން ލަފާކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450