Ads by Farudhun

ޚަބަރު

ފެނަކައާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމަނީ

ފެނަކައާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމަނީ

ށ. ފުނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ފޮޓޯ:ފެނަކަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 01:03

29 މޭ 2026، 01:03

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑުބައެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޑީ އަފީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފެނަކައިގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މަގާމާ ހަވާލުވިއިރު ކުންފުނީގެ މާލީ ނިޒާމު އޮތީ ވަރަށް ދަށު ދަރަޖައެއްގައިކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ އެ ދަތިތަކާއެކުވެސް ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، މަޝްރޫޢުތައް ހަލުވިކުރުމަށް އިސްކަންދޭ ކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ، ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރެއިން 6 ރަށެއްގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލް އިމާރާތްތަކާއި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ހިމެނެއެވެ.

އަޅުގަނޑުމެންނަށް ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމޭނެ ކުރިއަށް އޮތް 3، 4 މަހެއްގެ ތެރޭގައި. އަނެއްބައި މަޝްރޫޢުތަކުގެ މަސައްކަތް މިއަހަރު ނިމޭތަނުގައި ނިމޭނޭ. ގިނަ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނުވަތަ އަންނައަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން

      އަފީފް ވިދާޅުވިއެވެ.

މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި ޤާބިލު މުވައްޒަފުން ހޯދުމުގައި ދަތިތަކެއް ހުރިނަމަވެސް، ފެނަކައިގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ގޮތަކަށް، ކަނޑައެޅިފައިވާ ތާރީޚުތަކަށް މަޝްރޫޢުތައް ނިންމައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެމްޑީ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450