ދީން / ޚަބަރު

ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށްނުލައި، ފަހަށް ރައްކާކުރޭ: ހުކުރު ޚުޠުބާ

ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށްނުލައި، ފަހަށް ރައްކާކުރޭ: ހުކުރު ޚުޠުބާ

ފަހަށް ރައްކާކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 01:54

29 މޭ 2026، 01:54

ލިބޭ މުދަލާއި ފައިސާ އިސްރާފު ނުކޮށް، އިޤުތިޞާދު ކުރުމަށާއި، ލިބޭ އެއްޗަކުން މިންވަރެއް ފަހަށް ރައްކާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފިއެވެ.

މިއަދު "ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މި މައުޟޫޢަށް އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، ދުނިޔޭގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ އަމާނާތެއް ކަމަށެވެ. އަދި މުދަލުގެ ޙަޤީޤީ މިލްކުވެރިއަކީ މާތް ﷲ ކަމަށްވީތީ، އެ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މުދާ ހޯދުމުގައި ޚިޔާނާތްތެރިވުމާއި، ވައްކަންކުރުމާއި، ރިޝްވަތާއި، ރިބާ އަދި ޖުވާ ފަދަ ކަންކަމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަމެވެ. ހަމައެހެންމެ، މުދާ ލިބުމަށްފަހު ބޭކާރު ގޮތުގައި ހޭދަކުރުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަނެ އުކާލަންޖެހޭ ފަދަ ޙާލަތްތަކުން ދުރުހެލިވުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.

"ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހެނީ ކިތައް ފަހަރުތޯ؟" ސުވާލުކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، ތިމާއަށް ލިބޭ މުދަލުގައި އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކެއް ވާކަން ދަންނަންޖެހޭނެ ކަމަށެވެ. އަދި ޤިޔާމަތް ދުވަހު އެ ނިޢުމަތްތަކާ މެދު ސުވާލުކުރެވޭނެކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ހެކިދެއްވިއެވެ.

އިސްރާފުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކުރައްވަމުން، ޚުޠުބާގައި ވިދާޅުވީ އަތްމަތި ދަތިވުމުގެ މައިގަނޑު ސަބަބަކީ ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރުމާއި، އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުން ކަމަށެވެ. އެހެންކަމުން، ދަރަނި ނަގައިގެން ޚަރަދުކުރަންޖެހޭ ޙާލަތެއް މެދުވެރިނުވަނީސް ދަރަނި ނެގުން ފަދަ އާދަތަކާ ދުރުވުމަށް ވަނީ ގޮވާލާފައެވެ.

ޚުޠުބާ ނިންމާލަމުން ބަޔާންކުރެއްވީ، ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާނަމަ އިޖުތިމާޢީ ގިނަ މައްސަލަތަކުން ސަލާމަތްވެ، ޢާއިލާއަށް އުފާވެރިކަން ލިބޭނެ ކަމަށެވެ. "އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރާށެވެ!" މިއީ މިއަދުގެ ޚުޠުބާގެ މައިގަނޑު މެސެޖެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450