ޚަބަރު
އަލިމަތާ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި
އަލިމަތާ ހޮހޮޅަިއގެ އެތެރެ ފޮޓޯ: ޑޭން
ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުގެ އެކްސްކްލޫސިވް ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ. މި ވީޑިއޯ އާންމުކޮށްފައިވަނީ ރޭ ރާއްޖެ ގަޑިން 12:00 ޖެހިއިރު "ރައިނިއުސް" އިންނެވެ.
މި ވީޑިއޯއަކީ "ޑޭން ޔޫރަޕް ފައުންޑޭޝަން" ގެ އެހީތެރިކަމާއެކު މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުގެ ޑައިވަރުން ކެމެރާކޮށްފައިވާ މަންޒަރުތަކެކެވެ. މި ހޮހަޅައިގެ ތެރެއިން ހަށިތައް ނެގުމުގެ އޮޕަރޭޝަނުގެ ތެރެއިން ނެގި ޖުމްލަ 6 ފޮޓޯއެއް މި މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، ވީޑިއޯ އާންމުކޮށްފައިވަނީ ފޮޓޯތައް އާންމުކުރިތާ ހަ ދުވަސް ފަހުންނެވެ.
މި އޮޕަރޭޝަނުގައި އިސްކޮށް އުޅުނު ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން ބުނި ގޮތުގައި، ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ކަނޑުގެ ޗާޓުތަކުގައި ފާހަގަކޮށްފައި ނުވާ، އަދި އާންމުކޮށް ޑައިވަރުން ގޮސްއުޅޭ ހިސާބަށްވުރެ މާ ފުން ސަރަހައްދަކުންނެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައި ހުރި މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ހޮހަޅައިގެ ތެރޭގައި ހުރި ވެލިގަނޑުން ފެނުނު ނިޝާންތަކަކުން ކަމަށް އޭނާ ކިޔައިދިނެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ސަރަހައްދު ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށްވެސް ސާމީ ބުންޏެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) އެވެ. މީގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ.
މަރުވި މީހުންގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެމީހުން މަރުވީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ހުސްވެގެންނެވެ. މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މަރުވި މީހުންގެ ޖަނާޒާގެ ކަންކަން އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެކި ވަގުތުތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.