ޚަބަރު
ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާއޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށްވެސް ސްކައުޓް ވަނީ ވެފައި: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާއޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށްވެސް ސްކައުޓް ވަނީ ވެފައި ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުން ވެފައިވާ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރައްވައި، އެ ހަރަކާތުގެ ބައިވެރިންނަށް ޝުކުރާއި ސާބަސް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ސްކައުޓް ޚިދުމަތް ފެށްޓެވުމުގައި އިސްނެންގެވި ލީޑަރުންނަށާއި، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް މި އުފާވެރި އަހަރީ މުނާސަބަތުގައި މަރްޙަބާ ދަންނަވާ ކަމަށެވެ. އަދި އެއްވެސް އުޖޫރައެއް ނުވަތަ ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ސްކައުޓުން ކޮށްދެމުންދާ ގިނަގުނަ ޚިދުމަތްތަކަކީ ޤައުމު ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ސްކައުޓް ޚިދުމަތް ފެށްޓެވުމުގައި އިސްނެންގެވި ލީޑަރުންނަށާއި، މިދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް މަރްޙަބާއާއި ޝުކުރާއި ސާބަސް މި އުފާވެރި އަހަރީ މުނާސަބަތުގައި އަޅުގަނޑު ދަންނަވަނީ، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު… pic.twitter.com/AlZWQ38fJl
— Dr Mohamed Muizzu (@MMuizzu) May 30, 2026
ސްކައުޓް ހަރަކާތަކީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އަދި މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓްރީ ހަރަކާތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ޚިދުމަތެއް ކަމަށެވެ. "ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައޓް ހަރަކާތުން ވަނީ އުނގަންނައިދީފައި. ހަރުދަނާ ދަރިންތަކެއް ޤައުމަށް ވަނީ ބިނާކޮށްދީފައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށްވެސް ސްކައުޓް ހަރަކާތް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި އަންނަމުންދާ ތަރައްޤީއާއެކު، ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސްކައުޓުންގެ އަދަދު އިތުރުކޮށް، ޤައުމީ ޚިދުމަތުގައި އެ ފަރާތްތަކުން ދޭ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، "ކުރިއަށް ދިވެހި ޤައުމު! ކުރިއަށް ދިވެހި ސްކައުޓުން!" މި ޝިއާރާއެކުގައެވެ.