ދުނިޔެ

އެމެރިކާގެ 250 ޑޮލަރުގެ ނޫޓުގައި ޓްރަމްޕްގެ ފޮޓޯ ޖެހުމަށް ތައްޔާރުވަނީ

އެމެރިކާގެ 250 ޑޮލަރުގެ ނޫޓުގައި ޓްރަމްޕްގެ ފޮޓޯ ޖެހުމަށް ތައްޔާރުވަނީ

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހިމެނޭ ގޮތަށް އަލަށް ތައާރަފުކުރަން ހުށަހަޅާފައިވާ 250 ޑޮލަރުގެ ނޫޓެއް. ފޮޓޯ: ކެންޓް ނިޝިމޫރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 10:14

30 މޭ 2026، 10:14

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަލަށް ނެރުމަށް ނިންމާފައިވާ 250 ޑޮލަރުގެ ނޫޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނުމަށް އެމެރިކާގެ ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ. 

މިކަމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ބޭނުންވާއިރު، ޓްރަމްޕްގެ ސަޕޯޓަރުން މިހާރު ވަނީ އެކަމާ ގުޅޭ ބިލެއް ކޮންގްރެސްއަށް ހުށަހަޅާފައެވެ.

އެމެރިކާގެ މިހާރުގެ ގާނޫނުތައް ބުނާގޮތުން ދިރިހުރި މީހެއްގެ ފޮޓޯ އެ ގައުމުގެ ފައިސާގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ސައުތު ކެރޮލައިނާގެ ރިޕަބްލިކަން މެންބަރު ޖޯ ވިލްސަން ހުށަހެޅުއްވި ބިލުގެ މަގްސަދަކީ މި ގާނޫނަށް އިސްތިސްނާއެއް ގެނައުމެވެ. ޓްރެޜަރީ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެއްވި ގޮތުގައި، މި ބިލާ ގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ޕްލޭންތައް އެ އިދާރާއިން ދަނީ ކުރަމުންނެވެ.

ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މިކަމުގައި ގޮތް ނިންމާނީ ކޮންގްރެސްއިން ކަމަށާއި، ގާނޫނު ފާސްވެއްޖެ ނަމަ އެއަށް އަމަލުކުރާނެ ކަމަށެވެ. ނަމަވެސް، އިދިކޮޅު ޑިމޮކްރެޓިކް ސެނެޓަރ މާކް ވޯނާ ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އާންމު ރައްޔިތުން ދިރިއުޅުމުގެ އަގުތައް ބޮޑުވެގެން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި، ރައީސްގެ އަމިއްލަ އެދުން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ނޫޓުގެ ކުރެހުންތައް އަދި އާންމުކޮށްފައި ނުވި ނަމަވެސް، ބިއުރޯ އޮފް އެންގްރޭވިންގ އެންޑް ޕްރިންޓިންގ (ބީއީޕީ) އިން ވަނީ ފަރުމާތައް ތައްޔާރުކުރުމަށް އެދިފައެވެ. މީގެ އިތުރުން، އެމެރިކާގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ފައިސާގެ ނޫޓުތަކުގެ ތެރޭގައި 250 ޑޮލަރުގެ ނޫޓެއް ނުހިމެނެއެވެ. އެހެންކަމުން މި ނޫޓު ނެރުމަށްޓަކައި ދެ ގާނޫނަކަށް ބަދަލު ގެންނަން ޖެހޭނެއެވެ.

މިހާރު އެމެރިކާގައި ބޭނުންކުރާ އެންމެ ބޮޑު ނޫޓަކީ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ޖަހާފައިވާ 100 ޑޮލަރުގެ ނޫޓެވެ. މީގެ ކުރިން 500 އާއި 1000 އަދި 10,000 ޑޮލަރުގެ ނޫޓުތައް ގެންގުޅުނު ނަމަވެސް 1969 ވަނަ އަހަރުން ފެށިގެން އެ ނޫޓުތައް ވަނީ ބޭނުންކުރުން ހުއްޓާލާފައެވެ. ޓްރަމްޕްގެ ވެރިކަމުގައި މިހާރުވެސް ވަނީ ކެނެޑީ ސެންޓަރުގެ ނަން ޓްރަމްޕްގެ ނަމަށް ބަދަލުކޮށް، ޕާސްޕޯޓުގައި އޭނާގެ ފޮޓޯ ހިމެނުމަށް ނިންމާފައެވެ.

މި ނޫޓުތައް ޖުލައި މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ 250 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށް ނިންމޭނެކަން އަދި ސާފެއް ނޫނެވެ. އާންމުކޮށް އާ ނޫޓެއް ތައްޔާރުކުރުމަށް ގިނަ އަހަރުތަކެއް ނަގާއިރު، އޭގެ ފަރުމާ އާންމުކުރަނީ ނޫޓު ނެރުމުގެ 6 ނުވަތަ 8 މަސް ކުރިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450