ދުނިޔެ

އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމަށް 'ފަހުގެ ނިންމުން' ނިންމަނީ

އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމަށް 'ފަހުގެ ނިންމުން' ނިންމަނީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 05:04

30 މޭ 2026، 05:04

 ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށާއި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނާއެކު ވެވިދާނެ އެއްބަސްވުމަކާ މެދު ވަރަށް އަވަހަށް "ފަހުގެ ނިންމުމެއް" ނިންމާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރު ކުޑަވުމާއި މުހިންމު ކަންތައްތަކެއްގައި ހިޔާލުތަފާތުވުންތައް އަދިވެސް އެބަހުއްޓެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި މުޝީރުންނާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވީ، އީރާނުން ޤަބޫލުކުރަންޖެހޭ ބައެއް ޝަރުތުތައް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދުމާއި، ހޯރްމޫޒް ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި ދެފަރާތަށް ހުޅުވާލުމާއި، އެ ސަރަޙައްދުގައި ހުރި މައިންތައް ނެގުމުގެ އިތުރުން އީރާނުން ފޮރުވާފައިވާ ޔުރޭނިއަމްތައް ނައްތާލުން ހިމެނެއެވެ.

ޓްރަމްޕްގެ ޝަރުތުތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާއާއެކު އަދި އެއްވެސް ފައިނަލް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ. އަދި އީރާނުން ކަންކަން ނިންމާނީ އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތަކާއި މަސްލަހަތަށް ބަލައިގެން ކަމަށާއި، އެމެރިކާއިން ބޭނުންކުރާ "މަޖުބޫރުކުރުމުގެ" ބަހުރުވަ އީރާނުން ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އިސް މަޝްވަރާވެރިޔާ މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ތެހެރާނުން އިތުބާރު ކުރާނީ ހަމައެކަނި ވައުދުތަކަށް ނޫން ކަމަށާއި، އަމަލީ ގޮތުން ފެންނަ ކަންކަމަށް ކަމަށެވެ. "އެއްވެސް ފިޔަވަޅެއް އެޅޭނީ އަނެއް ފަރާތުން އަމަލީ ގޮތުން ކަމެއް ކުރުމުން،" ގާލީބާފް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އެއްބަސްވުމެއްގައިވެސް ކާމިޔާބު ލިބޭނީ އޭގެ އަނެއް ދުވަހު ހަނގުރާމައަށް އެންމެ ބޮޑަށް ތައްޔާރުވެފައި އޮންނަ ފަރާތަކަށް ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ޕެޓީ ކުލްހޭން ވައިޓް ހައުސްއިން މައުލޫމާތު ދިން ގޮތުގައި، ޓްރަމްޕް މިހާރު ހުށަހަޅުއްވާފައިވާ ކަންކަމަކީ އެމެރިކާއިން ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ އަދި އީރާނުން އެދޭ އެއްވެސް ލުޔެއް ނެތް ލިސްޓެކެވެ. މީގެ ކުރިންވެސް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނުމަށްފަހު، ފަހުން އެއީ ހަޤީގަތެއް ނޫންކަން ހާމަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ މަސްދަރުތަކުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު 60 ދުވަހަށް އިތުރުކުރުމަށް ދެ ގައުމުން ވަގުތީ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ތަކެތި ނައްތާލުމާ ގުޅޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ނެތް ކަމަށް އީރާނުގެ ބައެއް މަސްދަރުތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450