ޚަބަރު
ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް މާލެ ތަރުތީބު ކުރައްވަނީ ހަމައެކަނި ރައީސް މުޢިއްޒު: ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމްޝުޖާއު މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބައްލަވާލެއްވުން---
ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް މާލެ ތަރުތީބު ކުރައްވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމްޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސުން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށެވެ. ޝުޖާއު މިހެން ވިދާޅުވީ، މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ޒިޔާރަތް ކުރެއްވުމަށްފަހުއެވެ.
ރައީސް ޑރ. މުޢިއްޒު ފިޔަވާ މިޤައުމުގަ ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް މާލެ އޭކިޔާ ތެޅީ ހުސް އަނގަ.މާލޭގެ ލޮބުވެތި ރައްޔިތުންނާއި މާލޭގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތައް މާލެ ތަރުތީބު ކުރެއްވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޢިއްޒު.
ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް 3 ރައީސުން ވަޑައިގަންނަވަންޖެހޭ ކަމަށެވެ.
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިޔަށްދަނީ ސެގްމެންޓް ހަތަރެއްގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ސެގްމަންޓް 2، 3 އަދި 4 އެއްކޮށް ޖުމްލަ 400 މީޓަރުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް މިހާރު މިވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 500 އަށްވުރެ ގިނަ ސައިކަލް ޕާކުކުރެވޭނެ ގޮތަށް، ފަޅުން ބައެއް ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ސަރަޙައްދުގެ ޕާކިން މައްސަލަ ޙައްލު ކުރުމުގެ ގޮތުން ހިއްކުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް ސިލޯން ކުރިމަތީގައި އޮންނަ ސަރަޙައްދުން 1400 އަކަފޫޓެވެ. އެއީ އެ ސަރަޙައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލޭގެ ބާޒާރުމަތީގެ އިތުރުން ގިނަ އަދަދެއްގެ އޮފީސްތައް ހުންނަ ކާރޫބާރޫ ބޮޑު ސަރަޙައްދަކަށް ވުމުން، އާންމުންނަށް ދިމާވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.