ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކޮށް ބަޔާން ނެރުއްވާފައިވަނީ މިއަދު ހެނދުނު 8:36 ގައެވެ. އޭނާ މަގާމުން ވަކިކުރުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. މަޖިލީހުގެ މި ދައުރު ދަންމާލާފައިވަނީ ވެސް ނައިބު ރައީސް ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމް ވަކިކުރަން ނިންމީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކޮށް، މި މަހުގެ 14 ވަނަ ދުވަހު ވަނީ އޭނާ ވަކިކުރުމުގެ ގަރާރު ހުށަހަޅާފައެވެ. އެ ގަރާރުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ނާޒިމް ވަނީ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ ތުހުމަތުތަކުގެ ތަފްސީލެއް ގަރާރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
އިސްތިއުފާގެ ބަޔާނުގައި ނާޒިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.