ޚަބަރު
ޕީއެންސީގެ މެންބަރުންނަށް ފައިސާ ބެހިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ފޮޓޯ: މަޖިލިސް
ޕީއެންސީ ޕާލަމެންޓް ގްރޫޕުގެ މެންބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އެކަން ދޮގުކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ ޕީއެންސީ ޕާލަމެންޓް ގްރޫޕުގެ މެންބަރުންނަށް ލިބެނީ އެމްޑީޕީ އާއި މަޖިލީހުގެ އެހެނިހެން މެންބަރުންނަށްވެސް ލިބޭ އުސޫލުން، މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ އެކަނި ކަމަށެވެ. މީގެ އިތުރުން އެއްވެސް ފައިސާއެއް އެއްވެސް މެންބަރަކަށް ދީފައިނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޕީއެންސީގެ މެންބަރުންނާ ގުޅޭގޮތުން މިފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ޝުޖާއު ވިދާޅުވީ، ދޮގު ޚަބަރު ފަތުރައިގެންނާއި ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލަމެންޓް ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ. އެ ގްރޫޕަކީ ބަދަހި އަދި އެއްގަލަކަށް އަރާފައިވާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުގެ އަމާޒަކީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދިނުމުގައި ޕީއެންސީގެ މެންބަރުން ސާބިތުކަމާއެކު ތިއްބެވިކަން ހާމަކުރައްވަމުން، މިފަދަ ފިތުނަވެރި ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
PNC ޕާލަމެންޓް ގްރޫޕަށް ފައިސާ ބަހައިފި ކަމަށް ޢަދަދު ނޫހުން ވިދާޅުވެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް.PNC ޕާލަމެންޓް ގްރޫޕް މެމްބަރުންނަށް ލިބެނީ MDP އާއި އެހެނިހެން މެމްބަރުންނަށް ލިބޭގޮތަށް ލިބޭ މަޖިލީހުގެ މުސާރަ.PNCPG މެމްބަރުންނާ ގުޅޭގޮތުން މިގޮތައް ފަތުރާ ދޮގު ޚަބަރުތައް…
— Ibrahim Shujau (@IbrahimShujaau) May 30, 2026