ދުނިޔެ

ފަރަންސޭސިވިލާތުގައި ހިންގި ހަމަނުޖެހުންތަކެއްގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި

ފަރަންސޭސިވިލާތުގައި ހިންގި ހަމަނުޖެހުންތަކެއްގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި

ފަރަންސޭސި ވިލާތުގައި ހިނގި ހަމަނުޖެހުން - ފޮޓޯ : ބީބީސީ

31 މޭ 2026، 11:27

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ފަރަންސޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހަމަނުޖެހުންތަކާ ގުޅިގެން ފަރަންސޭސި ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޖުމްލަ 416 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރެއިން 280 މީހުން ހައްޔަރުކޮށްފައިވަނީ ވެރިރަށް ޕެރިހުންނެވެ.

ޕީއެސްޖީން ޕެނަލްޓީ ޖަހައިގެން މޮޅުވި ޚަބަރާއެކު، ޕެރިހުގެ މަޝްހޫރު ޝޯންޒެލީޒޭ ސަރަޙައްދަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވިއެވެ. ނަމަވެސް، އުފާފާޅުކުރުންތައް ވަރަށް އަވަހަށް ހަމަނުޖެހުމަކަށް ބަދަލުވެ، ފުލުހުންނާއި ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

މި ހާދިސާތަކުގައި ފުލުހުންގެ ހަތް އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އާންމުންގެ މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ހަ އުޅަނދަކާއި، ދެ ވިޔަފާރިއަކާއި، ބަސް ހުއްޓިއަކަށް ގެއްލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގައި ބަހައްޓާފައި ހުރި އިލެކްޓްރިކް ބައިސްކަލުތަކުގައި ރޯކޮށް، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލާފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒް މި ހަމަނުޖެހުންތައް ކުށްވެރިކުރައްވައި ވިދާޅުވީ، މިއީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަރަންސޭސި އިދިކޮޅު ލީޑަރު މެރިން ލީ ޕެން ވިދާޅުވީ، ފުޓްބޯޅަ ކްލަބެއްގެ ކާމިޔާބީއަކާ ގުޅިގެން މިފަދަ ހަމަނުޖެހުންތައް ހިނގަނީ ހަމައެކަނި ފަރަންސޭސިވިލާތުގައި ކަމަށެވެ.

މިއީ ޕީއެސްޖީން ވިދިވިދިގެން މި މުބާރާތް ކާމިޔާބުކުރި ދެވަނަ އަހަރެވެ. މިދިޔަ 2025 ވަނަ އަހަރުގެ ކާމިޔާބީއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ހަމަނުޖެހުންތަކާއެކުވެސް، ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތައް މިއަދު މެންދުރުފަހު ކުރިއަށްދާނެއެވެ. މީގެ ތެރޭގައި އައިފަލް ޓަވަރު ކައިރީގައި ބާއްވާ ޕެރޭޑަކާއި، ރައީސް އެމަނުއަލް މެކްރޮން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450