ދުނިޔެ
ސޫރިޔާގެ ކުރީގެ ޗެސް ޗެމްޕިއަން ރާނިޔާގެ ހަ ދަރިން ޝަހީދުވެއްޖެއެވެ.
ރާނިއާގެ އާއިލާ - ފޮޓޯ : އަލްޖަޒިރާ
ސޫރިޔާގެ މަޝްހޫރު ޑެންޓިސްޓް އަދި ކުރީގެ ރާޒުވާ ނުވަތަ ޗެސް ޗެމްޕިއަން ރާނިޔާ އަލް-އައްބާސީގެ ގެއްލިފައިވާ ހަ ދަރިން ޝަހީދުވެފައިވާކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.
ސޫރިޔާގެ "ނޭޝަނަލް ކޮމިޝަން ފޯ މިސިންގް ޕާސަންސް" (އެން.ސީ.އެމް.ޕީ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2013 ވަނަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަމުގައި ރާނިޔާއާއި އޭނާގެ ފިރިމީހާ އަދި ހަ ދަރިން ހައްޔަރުކުރި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ އާއިލާގެ ކުދިން މަރުވެފައިވާކަން ވަރަށް ޔަގީންކަމާއެކު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާނިޔާ އަލް-އައްބާސީއާއި އޭނާގެ ފިރިމީހާ އަބްދުއްރަހުމާން ޔާސީންގެ އިތުރުން، އެ ދުވަސްވަރު އުމުރުން 3 އަހަރާއި 15 އަހަރާ ދެމެދުގެ ހަ ދަރިން ހައްޔަރުކުރީ ދިމިޝްގުގައި ހުރި އެމީހުންގެ އަމިއްލަ ގެއަށް ސަރުކާރުގެ ސިފައިން ވަދެގަނެގެންނެވެ. އެއަށްފަހު އެ އާއިލާއަށް ވީގޮތެއް މިއަދާ ހަމައަށް އޮތީ ނޭނގިފައެވެ.
ރާނިޔާގެ ދަރިން ޝަހީދުވިކަން އޭނާގެ ކޮއްކޮ ހަސަން އަލް-އައްބާސީ ވެސް ވަނީ ފޭސްބުކް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި، 2013 ވަނަ އަހަރު ދިމިޝްގުގައި ހިންގި ގަތުލުއާންމުގެ ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯ ރެކޯޑިންތަކެއް އާއިލާއަށް ވަނީ ފެނިފައެވެ. އެ ވީޑިއޯއިން ފެންނަނީ އަނދިރި ކޮޓަރިއެއްގައި ތިބި ކުދިންތަކަކަށް ޓެރަރިޒަމަށް ފަންޑުކުރާ ބައެއް ކަމުގެ ތުހުމަތު ކުރާ މަންޒަރެވެ. ހަސަން ބުނީ އެއީ ސީދާ އޭނާގެ ދައްތަގެ ދަރިންކަން ޔަގީންވާ ކަމަށެވެ.
2011 ވަނަ އަހަރު ސޫރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރޭގައި 300,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އައު ސަރުކާރުން އުފައްދާފައިވާ ކޮމިޝަނުން އަންދާޒާ ކުރެއެވެ. 2024 ވަނަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، ގެއްލިފައިވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.