ޚަބަރު
ގަދަ ވަޔާއެކު ދެ ގެއެއްގެ ފުރާޅު އެއްލާލައިފި
ގަދަ ވަޔާއި އެކު އެއްލާލި ފުރާޅު ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ ހިތަދޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ގަދަ ވަޔާއެކު ދެ ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށާފައެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، ގަދަ ވަޔާއެކު ފުރާޅު އެއްލާލާފައިވަނީ ހިތަދޫ "ހުޅުދުއާގެ" އާއި "އޯކަމްލިވާ" ގޭގެއެވެ. މި ހާދިސާ ހިނގުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މިއަދު ފަތިހު އެ ދެ ގޭގެ ފުރާޅު އެއްލާލި ކަމުގެ ރިޕޯޓު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ފުރާޅު އެއްލާލި ވަގުތު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އެ ގޭގޭގައި ދިރިއުޅެން ދަތިވާ ވަރަށް ފެންބޮޑުވެ، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއްވެސް އާއިލާއަކުން ވަގުތީ ބޯހިޔާވަހިކަމަކަށް އެދިފައިނުވާ ކަމަށާއި، އެ މީހުން އެހެން ގެއަކަށް ބަދަލުވެފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ގެތަކުގެ ފުރާޅު މަރާމާތުކޮށް، އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކުރާ ގޮތުގައި، މިއަދު އައްޑޫ ސިޓީއަށް މޫސުން ގޯސްވި ނަމަވެސް މާދަމާ ކުޑަކޮށް މޫސުން ރީތިވާނެއެވެ. ނަމަވެސް، އަންގާރަ އަދި ބުދަ ދުވަހު އަނެއްކާވެސް ވިއްސާރަކޮށް، ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުން ވެސް، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.