ދުނިޔެ
ހޯރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން އީރާނުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަނީ
ހަރުމުޒް ކަނޑޮއޮޅި - ފޮޓޯ : އަލްޖަޒީރާ
ހޯރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުދާ އުފުލުމަށް ހުރަސްތަކެއް އެޅި، އީރާނުގެ ދެކުނު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އަލްޖަޒީރާގެ ތައުހީދު އަސަދީ އީރާނުގެ ދެކުނު އައްސޭރިން ރިޕޯޓުކޮށްފައިވާ ގޮތުން، ވިޔަފާރިވެރިންނާއި، ބަނދަރުގައި މަސައްކަތްކުރާ މީހުންގެ އިތުރުން އުޅަނދުފަހަރުގެ ފަޅުވެރިންގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މި ސަރަހައްދުގެ ވިޔަފާރީގެ ހަރަކާތްތައް ވަނީ މަޑުޖެހިފައެވެ.
އީރާނުގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ ބަންދަރު އައްބާސްގެ ހޯލްސޭލް ވިޔަފާރިވެރިން ބުނާ ގޮތުގައި، ސަޕްލައި ޗެއިން ބުރޫއެރުމުގެ ސަބަބުން ފިހާރަތަކުގެ ހަރުތައް ވަނީ ހުސްވާން ފަށާފައެވެ. ބަނދަރުގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގައުމަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ ނިސްބަތް ވަނީ އާދަޔާ ހިލާފަށް ދަށްވެފައެވެ.
މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރުގެ ކެޕްޓަނުން ވަނީ ތެލުގެ ދަތިކަމާއި، ދަތުރުތައް ފެށުމުގައި ކުރިމަތިވާ ލަސްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރިން ފުރުމުގެ ކަންކަން 30 މިނުޓުން ނިންމާ ލެވޭކަމަށާއި، މިހާރު 2 ދުވަސް ހޭދަވާކަމަށް އުޅަނދު ފަހަރުގެ ކެޕްޓަނުން މައުލޫމާތުދެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދިގުލައިގެންދާއިރު، މިކަމުގެ ނޭދެވޭ އަސަރު މުޅި ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ކުރަމުންނެވެ. އާމްދަނީ ލިބޭނެ މަގުތައް ހަނިވެ، އާންމު ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ގިނަ ބަޔަކަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.