ޚަބަރު
ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގެ 5 އަހަރުގެ ޤައުމީ ކެމްޕޭނެއް އިފްތިތާޙުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުކޮށް، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްޞަ ޤައުމީ ކެމްޕޭނެއް ސަރުކާރުން މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ކެމްޕޭން އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ބޭއްވި މި ބައްދަލުވުމުގައި، ކެމްޕޭން ފައްޓަވައިދެއްވީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ސަރުކާރުގެ 4 ވުޒާރާއެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަޒީރު ޤީލާ ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށްޓަކައި 'ޖެނެރޭޝަނަލް ބޭން' ނުވަތަ ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުމާއި، ވޭޕް ބޭނުންކުރުން މަނާކުރުމަށް ނިންމާފައިވާ ނިންމެވުން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން 5 އަހަރުގެ މުއްދަތަށް މި ކެމްޕޭން ރޭވިފައިވަނީ ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިފަދަ ބޮޑު ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ސަރުކާރާއި، ރައްޔިތުންނާއި، ޖަމިއްޔާ ޖަމާޢާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާއިރު ސަރުކާރާއި ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢާތްތަކާއި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކަމާއެކު ދައްކުވައިދީފައި އެބަހުރި،
ވަޒީރު ވިދާޅުވިއެވެ.
މި ކެމްޕޭންގެ ދަށުން އެކި ދާއިރާތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:
ހޭލުންތެރިކަން އިތުރުކުރުން: ތަޢުލީމީ ދާއިރާއާއި، ކުޅިވަރާއި، ޒުވާނުންގެ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތައް މެދުވެރިކޮށް ދުންފަތުގެ ނުރައްކަލާ ބެހޭ މަޢުލޫމާތު ފެތުރުން.
އިނާޔަތްތަކާއި ލުއިތައް: ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާ ފަރާތްތަކަށް ސަރުކާރުން އެކި ކަހަލަ އިނާޔަތްތަކާއި ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.
ޤާނޫނު ތަންފީޒުކުރުން: ދުންފަތާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް މިހާރަށްވުރެ ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
މި ކެމްޕޭނަކީ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް، ދުންފަތުގެ ސަބަބުން ކުރިމަތިވާ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން އިސްކަންދީގެން ފެށި ވަރަށް މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްކުރުމެވެ.