ޚަބަރު
ޓޮބޭކޯ ކޮންޓްރޯލްކުރުމުން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވީނަމަވެސް އެ ކަމުން ފަތުރުވެރިކަމަށް އަސަރެއްކޮށްފައިވާކަމަށް ޤަބޫލުކުރެވެން ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްޞަ ޤައުމީ ކެމްޕޭން އިޢުލާންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ އަހަރަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރަމުން ދިޔަ އަހަރެއް ނަމަވެސް، ގާތްގަނޑަކަށް ސަރުކާރުން އަންދާޒާ ކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އައިކަމަށާއި، އެހެކަމުން އެކަމުގެ އަސަރު ފަތުރުވެރިކަމަށް ކުރިކަމަކަށް އެއްވެސް ވަރަކަށް ބެލެވެން ނެތްކަމަށެވެ.
މިކަމަށް ހެކިދެނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް. އަޅުގަނޑަށް ޤަބޫލުކުރެވެނީ ފަތުރުވެރިން މިކަމަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާކަމަށް.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، މި ބާވަތުގެ ފިޔަވަޅުތަކާ ގުޅިގެން، އެފަދަ ކަންކަމުން ފަތުރުވެރިކަމަށް ކުރާނީ ނޭދެވޭ އަސަރުކަމަށް އަބަދުވެސް ބުނަމުން އަންނަކަމަށާއި، އެހެންނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން މި ޤައުމުގައި ހުންނަ މިފަދަ ކަންކަމަށް އިޙްތިރާމްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އެއްވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު އަށް 15 ނޮވެންބަރު 2024 އިން ފެށިގެން ޢަމަލުކުރަން ފެށުމާއެކު އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކޮށް، ނުވަތަ ދިވެހިރާއްޖޭގައި ބަހައި، ނުވަތަ ވިއްކައެއް ނުހެދޭނެއެވެ.
އަދި އެ ޤާނޫނަށް އަލަށް ގެނެސްފައިވާ އިސްލާޙުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ 18 އަހަރު ފުރިފައިވާ ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނަމަ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެއެވެ.
މިދިޔަ އަހަރު ދިވެހިރާއްޖެއަށް ވަނީ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ރާއްޖޭގެ ތާރީޙުގައި ވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. އަދި އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.