ދުނިޔެ

އިރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދީފި: ޓްރަމްޕް

އިރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދީފި: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ގެޓީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މޭ 2026، 08:15

31 މޭ 2026، 08:15

އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން އެމެރިކާއަށް ލިބިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

 ޓްރަމްޕް މިހެން ބުނެފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރިން ހުށަހަޅާފައިވާ ސުލްހައިގެ ހުށަހެޅުމަށް ބަދަލުތަކެއް ގެނެސް، ކުރިއަށްވުރެ ހަރުކަށި ޝަރުތުތަކަކާއެކު އަލުން އީރާނަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ލާރާ ޓްރަމްޕާއެކު ފޮކްސް ނިއުސްގައި ބޭއްވި އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ކޮންމެ އެއްބަސްވުމެއްގައިވެސް އެންމެ މުހިންމު ކަމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން ކަމަށެވެ. "އަޅުގަނޑަށް ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން. އެކަމަށް އެމީހުން ވަނީ އެއްބަސްވެފައި، އެއީ ވަރަށް ޝައުގުވެރި ކަމެއް،" ޓްރަމްޕް ބުންޏެވެ. މީގެ އިތުރުން ބަންދުކޮށްފައިވާ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީވެސް ޓްރަމްޕްގެ އިސްކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް، އީރާނުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކާ މެދު ސުވާލު އުފައްދާފައެވެ. އީރާނުން ބުނާ ގޮތުގައި އެއްވެސް މާނަހުރި މަޝްވަރާއެއް ފެށުމުގެ ކުރިން، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރު ދޫކޮށްލަން ޖެހެއެވެ. އަދި އީރާނުގެ ޔުރޭނިއަމް ނައްތާލާނެ ކަމަށް ޓްރަމްޕް ކުރިން ބުނި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށްވެސް މި އެއްބަސްވުމުގެ ދަށުން ހައްލެއް ލިބެންޖެހޭނެ ކަމަށް އީރާނުން ބުނެއެވެ. އިރާނުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ ލުބުނާނުގައި ހިޒްބުالله އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީ، ބިންތައް ސުންނާފަތި ކުރަމުންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އޭނާ އަވަސް އަރުވާނުލާ ކަމަށެވެ.

 "އަޅުގަނޑު މިއުޅެނީ އަވަސް އަރުވާލައިގެންނެއް ނޫން. މަޑުމަޑުން ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލްވަމުންދާ ކަމަށް ގަބޫލުކުރެވޭ. ބޭނުންވާ ގޮތަށް ކަންކަން ނުދާނަމަ، އެހެން ގޮތަކަށް ކަންކަން ނިންމާލާނަން،" ޓްރަމްޕް ބުންޏެވެ.

 އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުވެސް ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އަލުން ހަނގުރާމަ ފެށުމުގެ ގާބިލްކަން އެމެރިކާއަށް ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދޭތެރެ ދޭތެރެއިން ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. އެގޮތުން އީރާނުގެ ސަރަހައްދީ ރަށްތަކަށް ވަންނަން އުޅުނު އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނާއިރު، މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ އީރާނުގެ ބަންދަރު އައްބާސް އަށް ހަމަލާދީފައެވެ. މި ހަމަނުޖެހުންތަކާއެކުވެސް، ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ދަނީ ކުރިއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450