ދުނިޔެ

ކެމިކަލް ޕްލާންޓްގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި

ކެމިކަލް ޕްލާންޓްގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި

ހާދިސާ ހިނގި ކެމިކަލް ޕްލާންޓް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މޭ 2026، 08:50

31 މޭ 2026، 08:50

އެމެރިކާގެ ވޮޝިންގޓަން ސްޓޭޓްގެ ކަރުދާސް އުފައްދާ ކާރުޚާނާއެއްގައި ހިނގި ކެމިކަލް ލީކުވުމުގެ ހާދިސާގައި ގެއްލުނު ނުވަ މީހުންގެ ހަށިގަނޑު ފެނުމާއެކު، މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

ވޮޝިންގޓަންގެ ލޯންގްވިއު ސިޓީގައި ހުންނަ މި ކާރުޚާނާގައި މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގާފައިވަނީ، ނުރައްކާތެރި ކެމިކަލް އެކުލެވޭ އެތައް ހާސް ގެލަންގެ ޓޭންކެއް ގޮވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލޯންގްވިއު ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ޗީފް ބްރެޑް ހެނިގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "މި ހާދިސާގައި ގެއްލުނު ނުވަވަނަ އަދި އެންމެ ފަހު މުވައްޒަފުގެ ހަށިގަނޑު މިހާރު ވަނީ ފެނިފައި" ކަމަށެވެ. މިދިޔަ ބުދަ ދުވަހު ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ދެ މީހަކު މަރުވެފައިވާ ކަމަށާއި އިތުރު ނުވަ މީހަކު ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 'ނިޕޮން ޑައިނަވޭވް ޕެކޭޖިންގ ކޮމްޕެނީ' ގައެވެ. ހާދިސާ ހިނގި ވަގުތަކީ ހެނދުނުގެ ޝިފްޓް ބަދަލުވި ވަގުތެވެ. މި ހާދިސާގައި ގޮވާފައިވަނީ 900,000 ގެލަން (3.4 މިލިއަން ލިޓަރު) ގެ 'ވައިޓް ލިކަރ' ރައްކާކޮށްފައި ހުރި ޓޭންކެކެވެ.

ވައިޓް ލިކަރ އަކީ ސޯޑިއަމް ހައިޑްރޮކްސައިޑް އަދި ސޯޑިއަމް ސަލްފައިޑް އެކުލެވޭ، ކަރުދާސް އުފެއްދުމަށް ބޭނުންކުރާ ލަކުޑި ކޮޅުތައް ފުނޑުކުރުމަށް ބޭނުންކުރާ ވަރަށް ވަރުގަދަ ކެމިކަލް މާއްދާއެކެވެ.

ޖަޕާނުގެ ނިޕޮން ޕޭޕަރ ގްރޫޕްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ނިޕޮން ޑައިނަވޭވް ޕެކޭޖިންގ އަކީ އަހަރަކު އަށް ބިލިއަން ސިންގަލް-ސާވް ކޮންޓެއިނަރު އުފައްދައި، އުތުރު އެމެރިކާ، އޭޝިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސަޕްލައި ކުރާ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450