ދުނިޔެ
އަނެއްކާވެސް އިސްރާއީލު ސިފައިން ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރިއާއި ގުދުސް ވަކިކުރުމަށް ޖަހާފައިވާ ކޮންކްރީޓް ފާރު. ފޮޓޯ: ޢަރަބް ނިއުސް
ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގުދުސް ވަކިކުރުމަށް ޖަހާފައިވާ ކޮންކްރީޓް ފާރު ކައިރިން އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ނާބްލަސްގެ އިރުމަތީގައިވާ ސާލިމް އަވަށަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޢިމާދު ހާރޫން އިޝްތަޔާއެވެ. އޭނާގެ ފަލަމަސްގަނޑަށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ އަލް-ރާމް އަވަށުގައެވެ. އޭނާ މަރުވެފައިވަނީ ރާމަﷲ ގައި ހުންނަ ފަލަސްތީނު މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކޮންކްރީޓް ފާރުގައި ޖަހާފައިވާ ސިޑިއަކުން އޭނާގެ ހަށިގަނޑު ބާލައިގެން މީހުން ގެންދާތަން ފެނެއެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި އިޝްތަޔާ މަސައްކަތް ކުރަމުންދިޔައީ ހުޅަނގު އައްސޭރިން އިސްރާއީލަށް ވަނުމަށެވެ. މި ފާރު ހުރަސްކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް ގިނަ ބަޔަކަށް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހާފައެވެ. އޭގެ ތެރޭގައި މި މަހުގެ ކުރީކޮޅު މަރާލި އުމުރުން 44 އަހަރުގެ މީހަކުވެސް ހިމެނެއެވެ.
ފާއިތުވި އަހަރުތަކުގައި މަސައްކަތް ހޯދުމަށްޓަކައި ހުޅަނގު އައްސޭރިން ގަވާއިދާ ހިލާފަށް އިސްރާއީލަށް ވަންނަން އުޅޭ ފަލަސްތީނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ކުރިން އެތައް ހާސް ބަޔަކަށް މަސައްކަތް ކުރުމުގެ ހުއްދަ އޮތް ނަމަވެސް، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ވަނީ އެ ހުއްދަތައް ހިފަހައްޓައި، ވަނުން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 50 އެއްހާ މަސައްކަތްތެރިން މަރުވެފައިވާއިރު، 38،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ސަބަބުން ހުޅަނގު އައްސޭރީގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.