ދުނިޔެ
ތުރުކީގެ ބަސް އެކްސިޑެންޓްގައި 8 މީހަކު މަރުވެއްޖެ
މިއަހަރުގެ ފެބްރުއަރީ މަހު ތުރުކީގައި ހިނގި ބަސް އެކްސްޑެންޓެއްގެ މަންޒަރެއް. ފޮޓޯ: އޭއެފްޕީ
ތުރުކީގެ ހުޅަނގުގައި އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަހެއް އެކްސިޑެންޓްވެ އަލިފާން ރޯވުމުގެ ސަބަބުން އަށް މީހުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި 9 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި އެ ކުއްޖާގެ ބައްޕަ ހިމެނޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޕަމުއްކަލޭ ޓޫރިޒަމްގެ މި ބަސް އެކްސިޑެންޓްވީ ދެނިޒްލީ ޕްރޮވިންސްގެ ހައިވޭއެއްގައި ހުރި ބެރިއަރުތަކުގައި ޖެހިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 1:40 އެހާކަންހާއިރުއެވެ. އިޒްމީރުން ފުރައިގެން މެޑިޓެރޭނިއަން ސިޓީއެއް ކަމަށްވާ އަންޓަލްޔާއަށް ދަތުރުކުރި މި ބަހުގައި 38 ފަސިންޖަރުންނާއި ތިން މުވައްޒަފުން ތިއްބެވެ.
މި ހާދިސާގައި 33 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ބަސް ދުއްވަން އިން 50 އަހަރުގެ މުސްތަފާ ފެވްޒީ މަރުދުންގެ އިތުރުން މަރުވީ މަރްވޭ އެރިކް، ފާތިމާ ކަރްތާލް، ގުލިތޭ ބޯގާ، ޒެހްރާ އީޔޯލް، ހައިރިއްޔާ އަރިކާން އަދި ސިވަން ޝެން އާއި އޭނާގެ 9 މަހުގެ ދަރިފުޅު އީޕް މިރާޗް ޝެން އެވެ.
ހާދިސާ ހިނގި ސަރަހައްދަށް 112 އެމަޖެންސީ މެޑިކަލް ސާވިސަސް، އޭއެފްއޭޑީ (ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ) އަދި ފުލުހުންނާއި ފަޔަރު ޑިޕާޓްމަންޓުން ވަނީ ވަގުތުން ހާޒިރުވެފައެވެ. އަލިފާން ނިއްވާލެވުނު ނަމަވެސް، ބަސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އޮޓޯޕްސީ ހެދުމަށްޓަކައި ދެނިޒްލީގެ ފޮރެންސިކް މެޑިސިން އިންސްޓިޓިއުޓްގެ މޯޗަރީއަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގާފައިވަނީ އަޟްހާ އީދުގެ ބަންދުގެ އެންމެ ފަހު ދުވަހުއެވެ. އާންމުކޮށް އީދު ބަންދުގައި ތުރުކީގެ މަގުތަކުގައި ޓްރެފިކް ބޮޑުވެ، އެކްސިޑެންޓްތައް އިތުރުވާކަން ފާހަގަކުރެވެއެވެ. ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.