ޚަބަރު
މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކޮށްފި
އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް ފޮޓޯ: މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިއަދު ބޭއްވި ސިއްރު ވޯޓުގައި ސަލީމް މި މަގާމަށް އިންތިޚާބުވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.
މި އިންތިޚާބުގައި ޖުމްލަ 74 މެންބަރުން ވޯޓު ދެއްވިއިރު، ސަލީމަށް ލިބިވަޑައިގަތީ 62 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ވޯޓުލީ މެންބަރުންގެ ތެރެއިން ދެ ވޯޓެއް ބާތިލް ވޯޓުގެ ގޮތުގައި ވަނީ ގުނާފައެވެ.
އަޙްމަދު ސަލީމަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. މިއީ އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާ ހަތަރުވަނަ ދައުރެވެ. ސަލީމަކީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރުގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުވެސް މެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައި، އެ މައްސަލަ އިއްޔެގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.