ޚަބަރު
"ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފި
ނެނޯ ނީޑަލް ބޭނުންކޮށްގެން ކަކުލު ހުޅުގެ އެތެރެ ބަލަނީ ފޮޓޯ: ގޫގުލް
ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި އައު އިންގިލާބީ ބަދަލެއްގެ ގޮތުން، "ނެނޯ ނީޑަލް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލައި ފަރުވާދިނުމުގެ ސާޖަރީތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.
މި އައު ސާޖަރީއަކީ މިހާރު އައިޖީއެމްއެޗްގައި ކުރަމުން އަންނަ އާތްރޮސްކޮޕިކް ސާޖަރީތަކަށްވުރެ މާ ކުޑަ ފެޅުމަކުން ކުރެވޭ އޮޕަރޭޝަނެކެވެ. މިކަމުގައި ބޭނުންކުރާ "ނެނޯ ނީޑަލް" ކެމެރާއަކީ އާދައިގެ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި އެކި ގޮތްގޮތަށް ލަނބާލެވޭ ވަސީލަތެކެވެ. މީގެ ސަބަބުން ކުދި ހުޅުތަކުގެ އެތެރެއަށް ކެމެރާ ވައްދައިގެން، އެމްއާރްއައި އަކާ ނުލައި މައްސަލަތައް ދެނެގަތުމުގެ ފުރުސަތު ލިބިގެންދެއެވެ.
އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓްގެ ޑޮކްޓަރު، ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވީ، މިއީ ކުދި ހުޅުތަކުގެ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. "މީގެއިން އަޅުގަނޑުމެންނަށް ހުޅުތެރޭގައި ކަށިކޮޅެއް އިތުރަށް ގްރޯވެފައި ހުރިތޯއާއި، ކާޓިލޭޖް ނުވަތަ އޮމާން ފަށަލައަށް ގެއްލުމެއް ވެފައިވޭތޯ އަދި ލިގަމެންޓްތަކުގެ ހާލަތު ވަރަށް ސާފުކޮށް ބަލާލެވޭނެ،" ޑރ. އިސްމާޢިލް ވިދާޅުވިއެވެ.
މި ފަރުވާއަކީ ބަލިމީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. އައިޖީއެމްއެޗްގެ އެނެސްތީޝިއާ ޑިޕާޓްމެންޓްގެ ޑޮކްޓަރު، ޑރ. އައްސަދު މުހައްމަދު ޝަހީދު ފާހަގަކުރެއްވި ގޮތުގައި، މި އުކުޅުގެ ސަބަބުން އެނެސްތީޝިއާ ދިނުމުގައާއި ސާޖަރީއަށްފަހު ވާ ތަދު ކޮންޓްރޯލްކުރުމުގައި ފަސޭހަވެގެންދާނެއެވެ. އަދި ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ މުއްދަތު ކުޑަވެ، "ޑޭކެއަރ" އުސޫލުން އޮޕަރޭޝަން ނިންމާލުމަށްފަހު އަވަހަށް ގެއަށް ދެވޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ހާލު ބޮޑު ބަލިމީހުންނަށްވެސް ފަރުވާ ދިނުމުގައި ލިބޭ ބޮޑު ލުޔެކެވެ.
އައިޖީއެމްއެޗުން ދަނީ ހުޅުގެ ފަރުވާގެ ދާއިރާއިން ޒަމާނީ ގިނަ ވަސީލަތްތަކެއް ތަޢާރަފްކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ 4K ކޮލިޓީގެ އާތްރޮސްކޯޕިކް ކެމެރާވެސް ބޭނުންކުރަން ފަށާފައެވެ. އައިޖީއެމްއެޗަކީ ޓީޗިން ހޮސްޕިޓަލަކަށް ވުމާއެކު، މިފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފްވުމަކީ ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.