ޚަބަރު
ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވް މަންޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން. ފޮޓޯ: އެމްޓީސީސީ
ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގުއެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 30 ޓަނުގެ ބޯލާޑްސް ޖެހުމާއި، ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މިއީ ޖުމްލަ 18.80 މިލިއަން ރުފިޔާ އަށް، 120 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމުން، އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އެތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ހަރުދަނާވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ޤަބޫލުކުރެއެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް ކުންފުންޏެވެ.