ދުނިޔެ
ލުބުނާނުގެ ހަމަނުޖެހުންތައް ކުޑަކުރުމަށް އެމެރިކާއިން 'ރޯޑްމެޕެއް' ހުށަހަޅައިފި
ލުބުނާނުގެ މަރުޖަޢުޔޫން ސަރަހައްދުގައި "ގަލްޢަތުއްޝަޤީފް" ކިއްލާގެ މަތީގައި އިސްރާއީލުގެ ދިދައެއް ނަގާފަ. ފޮޓޯ: އޭއެފްޕީ
ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި އެމެރިކާއިން 'ރޯޑްމެޕެއް' ނުވަތަ މަގުޗާޓެއް ހުށަހަޅާފައިވާކަމަށް އެމެރިކާގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވެއްޖެއެވެ.
މި މަގުޗާޓުގެ ދަށުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އައުން އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވަކިވަކިން މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ހިޒްބުالله އިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި، އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދޭ ހަމަލާތައް އިތުރު ނުކުރުމެވެ. މި ހުށަހެޅުމަކީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މަގުފަހިކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެމެރިކާގެ މި ހުށަހެޅުން އައިސްފައި މިވަނީ އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައި އޮންނަ ތާރީޚީ ބޯފޯޓް ކާސަލް ހިފުމަށްފަހުއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މިއީ ހިޒްބުالله އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އައި "ޑްރަމެޓިކް ބަދަލެއް" ކަމަށާއި، ލުބުނާނުގެ އެތެރެއަށް އިތުރަށް ވަދެގަތުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ހަމަލާ ދިނުމަށްވެސް ނަތަންޔާހޫ ވަނީ އަމުރު ކުރައްވާފައެވެ.
މި ހަމަނުޖެހުންތަކުގެ ޒިންމާ އެމެރިކާގެ އޮފިޝަލް އެޅުއްވީ ހިޒްބުاللهގެ ބޮލުގައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ހިޒްބުالله އިން އަމަލު ކުރަމުންދަނީ އީރާނުގެ އިރުޝާދުގެ ދަށުން، ލުބުނާނުގެ މަސްލަހަތަށް ބެލުމެއް ނެތިއެވެ. އަދި އާންމުން ރައްކާތެރިކުރުމަށް އޮތް އެންމެ އަވަސް މަގަކީ ހިޒްބުالله އިން ވަގުތުން ހަމަލާތައް ހުއްޓާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގައި މިހާތަނަށް ލުބުނާނުން 3,412 އަށްވުރެ ގިނަ މީހުން މަރުވެ، 10,269 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އޭޕްރީލް 17 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް އައި ނަމަވެސް، ދެ ފަރާތުންވެސް ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ކުށްވެރިކުރަމުންނެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވީ މި ހަމަލާތައް ދިފާއު ކުރެވޭނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ. އިނގިރޭސިވިލާތާއި، ގަތަރު އަދި މިސްރުންވެސް ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި ލުބުނާނުގެ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށް ގޮވާލާފައެވެ.