ޚަބަރު
މި މަހު 5ވަނަ ދުވަހު ޙައްޖުވެރިން މާލެ އަންނަން ފަށާނެ
ކައުބާ ވަށައިގެން މުސްލިމުން ޠަވާފުކުރަނީ / ފޮޓޯ: ރޮއިޓާސް
މި މަހުގެ 5ވަނަ ދުވަހުން ފެށިގެން މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން މާލެ އަންނަން ފަށާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޙައްޖާޖީން މާލެ އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހެއްގެ މަތިން ހަތަރު ފްލައިޓެއްގައެވެ. އަދި މިދަތުރުތަކަށް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަން އާއި ސައުދިއާގެ ފްލައިޓްތަކެވެ.
އެގޮތުން މި މަހުގެ 5ވަނަ ދުވަހު ޙައްޖުވެރިން އައުމަށް ބޭނުން ކުރާނީ ސައުދިއާގެ ފްލައިޓެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ މެންދުރުފަހުގެ 14:00ގައެވެ.
އަދި ދެވަނަ ފްލައިޓް މި މަހުގެ 7ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް ޖެއްސުމަށް ތާވަލުކޮށްފައި ވަނީ އެ ދުވަހުގެ 17:40 ގައެވެ.
ޙައްޖުވެރިން ރާއްޖެ ދިއުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ގަޑިތައް.#އިތުބާރާއިޔަޤީންކަން #ޙައްޖު1447 pic.twitter.com/ft5tycejmL
— Maldives Hajj Corporation Limited (@Hajjcorporation) June 1, 2026
ޙައްޖާޖީންގެ ފަހު ދެ ފްލައިޓް އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހެވެ. އެގޮތުން 8ވަނަ ދުވަހުގެ ފްލައިޓް މެންދުރުފަހު 14:00ގައި އަދި އެންމެ ފަހު ފްލައިޓް އަންނާނީ މެންދަމު 00:01ގައެވެ.
މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖުވުމަށް 1.7 މިލިއަނަށް ވުރެ ގިނަ މީހުން ސަޢުދީއަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.