ވިޔަފާރި / ޚަބަރު
ބަޖެޓުން 5 ބިލިއަން ރުފިޔާ ކުޑަކޮށް، ސަޕްލިމެންޓަރީއާ ނުލައި ޚަރަދުތައް މެނޭޖުކޮށްފި
ފިނޭންސް މިނިސްޓްރީ ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި އަހަރަކީ މާލީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ޝާއިއުކުރި "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން، ފާއިތުވި އަހަރުގެ ބަޖެޓު ޚަރަދު ވަނީ އަންދާޒާކުރި މިންވަރަށް ވުރެ 5 ބިލިއަން ރުފިޔާ ކުޑަކުރެވިފައެވެ.
ބަޖެޓުގެ ޚަރަދުތައް ކުޑަކުރުން
2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ޚަރަދު ކުރެވިފައިވަނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ. މި ބޮޑު ބަދަލު އައުމުގެ މައިގަނޑު ސަބަބުތަކަކީ:
- ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތައް.
- ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ބަދަލުތައް.
- ހިނގަމުންދާ ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް.
- އިސްރާފު ކުޑަކޮށް، ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ އޮނިގަނޑެއްގެ ދަށުން މަސައްކަތް ކުރުން.
- ބަޖެޓް ޑެފިސިޓް ކުޑަވުން
ޚަރަދުތައް ކުޑަވުމާ ގުޅިގެން، ދައުލަތުގެ ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. ކުރިން ލަފާކުރި 9.4 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން 3.6 އިންސައްތައެވެ.
ފާއިތުވި 6 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ޑެފިސިޓް މިހާ ދަށްވި ފުރަތަމަ ފަހަރެވެ:
- 2025: 3.6%
- 2024: 9.9%
- 2023: 10.5%
- 2022: 8.4%
- 2021: 10%
- 2020: 16.6%
ޚިދުމަތްތަކާއި މުވައްޒަފުންގެ މުސާރަ
ޚަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބުރޫއެއް އަރާފައެއް ނުވެއެވެ. މުހިންމު ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު:
- މުވައްޒަފުންގެ މުސާރަ: ލަފާކުރި 14.0 ބިލިއަންގެ ބަދަލުގައި ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ.
- ދަރަނީގެ އިންޓްރެސްޓް: 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.
އާމްދަނީ އިތުރުވުން
ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ލަފާކުރި ވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ:
- ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ: 1.2 ބިލިއަން ރުފިޔާ.
- ރިސޯޓު ކުލި: 2.1 ބިލިއަން ރުފިޔާ.
- ވޯކް ޕާމިޓް ފީ: 793.4 މިލިއަން ރުފިޔާ.
ފާއިތުވި އަހަރަކީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓިފައިވާ ފާހަގަކޮށްލެވޭ އަހަރެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުވެސް މި ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ބަޖެޓު މެނޭޖްކޮށް، ދައުލަތުގެ ދަރަނިތައް އަދާކުރަމުން ގެންދިއުމެވެ.