ޚަބަރު
ށ. މިލަންދޫ ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ށ. މިލަންދޫ ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވުމުން އަލިފާން ނިއްވަނީ ފޮޓޯ: އިންޓަނެޓް
ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތް ކުރާ ތަނެއްގައި ރޭ ދަންވަރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިލަންދޫ ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ 23:09 އެހައިކަންހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ގިނަ ބައެއްގެ ބުރަ މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެތަނުގައި ހުރި ގިނަ މުދަލަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން، އެ ސަރަހައްދުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނަށާއި، އެ އިމާރާތަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.