ވިޔަފާރި / ޚަބަރު

އުތުރުގެ ތިން އަތޮޅު ވެސް ވައިގެ މަގުން ގުޅާލަނީ

އުތުރުގެ ތިން އަތޮޅު ވެސް ވައިގެ މަގުން ގުޅާލަނީ

މޯލްޑިވިއަންގެ ބޯޓެއް ފޮޓޯ: މޯޅްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 10:31

02 ޖޫން 2026، 10:31

ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަށް ފެށި މަޝްރޫޢަށް ލިބެމުންދާ ބޮޑު ކާމިޔާބީއަށް ބަލައި، ރާއްޖޭގެ އުތުރުގެ ތިން އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، ދެކުނު ކަނެކްޓިވިޓީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ. މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށި މި މަޝްރޫޢުގެ ދަށުން، 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް، އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދަނީ ދަތުރުތައް ކުރަމުންނެވެ.

މި ޚިދުމަތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ، މިހާތަނަށް 2900 އަށްވުރެ ގިނަ ފަސިންޖަރުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަތުރުތައް ކުރިއަށްދަނީ 70 އިންސައްތައަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދެކުނުގެ މަޝްރޫޢުގެ ކާމިޔާބީއަށް އަލިއަޅުވާލައްވަމުން އިޔާސް ވިދާޅުވީ، "4 އަތޮޅު މިއޮތީ ހަމަ ވައިގެ ނެޓްވޯކަކުން ވަރަށް ރަނގަޅަށް ގުޅާލެވިފައި. އެހެންމެ މި ދަތުރުގެ ކާމިޔާބީއަށް ބަލާފައި އަޅުގަނޑުމެން މިހާރު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ހަމަ މިގޮތަށް އުތުރުގެ ތިން އަތޮޅު ގުޅުވާލަން. އެގޮތަށް ހއ. ހދ. އަދި ށ. ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" ކަމަށެވެ. އައިލެންޑް އޭވިއޭޝަންގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅު އުތުރުގެ ތިން އަތޮޅު މި ނިޒާމުން ގުޅާލުމެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރުމަށްޓަކައި ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450