Ads by Farudhun

ޚަބަރު

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް، ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް، ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 11:10

02 ޖޫން 2026، 11:10

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ބަދަލުތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި ބަދަލުގެ މައިގަނޑު މަގުސަދެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. މިގޮތުން އައު އޮނިގަނޑުގެ ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:

  • އޮފީސް އޮފް ދަ ކޮމިޝަނަރ
  • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  • ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  • ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  • އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  • ފޮރެންސިކް ސަރވިސަސް
  • ސެންޓްރަލް އިންވެސްޓިގޭޝަންސް
  • މާލޭ ޕޮލިސް / ހުޅުމާލޭ ޕޮލިސް
  • ނޮދަން ޕޮލިސް / ސަދަން ޕޮލިސް
  • ސަރވިސް ޑިވެލޮޕްމަންޓް / ސަރވިސް ސަޕޯޓް
  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ


ފުލުހުންގެ އިދާރާއިން އިތުރަށް ވިދާޅުވީ، މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ.

މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450