ދުނިޔެ

ހަމަލާތަކާއެކު ހަމަނުޖެހުންތައް ހުއްޓުމަށް އިތުރު ގޮންޖެހުންތަކެއް

ހަމަލާތަކާއެކު ހަމަނުޖެހުންތައް ހުއްޓުމަށް އިތުރު ގޮންޖެހުންތަކެއް

އީރާނުގެ ވެރިރަށް ތެހެރާން. ފޮޓޯ: އޭއޭ ފޮޓޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2026، 12:06

02 ޖޫން 2026، 12:06

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ހުއްޓިފައި ވަނިކޮށް، ދެ ގައުމުން އެކަކު އަނެކަކަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމާއި ގުޅިގެން މިހާރުވެސް ނާޒުކު ފާލަމެއްގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

އީރާނުން ބުނި ގޮތުގައި އެ ގައުމުން އެމެރިކާގެ އެއާ ބޭހަކަށް ހަމަލާދިނީ، ހަފްތާ ބަންދުގައި އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މީގެ އިތުރުން ކުވެއިތުން ވެސް ވަނީ އެ ގައުމަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ބުނެފައެވެ. މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ތިން އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެމެރިކާ އާއި އިސްރާއީލުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. "އެއް ފަރާތަކުން އެއްބަސްވުމާ ޚިލާފުވުމަކީ ހުރިހާ ފަރާތަކުން އެއްބަސްވުމާ ޚިލާފުވުން ފަދަ ކަމެއް. މީގެ ނަތީޖާއަށް އެމެރިކާ އާއި އިސްރާއީލުން ޒިންމާވާންޖެހޭނެ،" އަރާގްޗީ އެކްސްގައި ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާއިން ފޮނުވަމުންދަނީ ފުށުއަރާ މެސެޖުތަކެއް ކަމަށާއި، މީގެ ސަބަބުން މަޝްވަރާތައް ދިގުލައިގެންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން ދަނީ ތަކުރާރުކޮށް އެ ގައުމުގެ ޝަރުތުތައް ބަދަލުކުރަމުންނެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު އިތުބާރު ނެތުމުގެ ތެރޭގައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ވަކިން ހާއްސަކޮށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕަށް ވަނީ ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ތެލުގެ އަގު ހެޔޮކުރުމަށް ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައެވެ.

މި މައްސަލައިގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ މިހާރު މަޝްވަރާތަކުގައި އޮތް އެންމެ ބޮޑު ހުރަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450