Ads by Farudhun

ޚަބަރު

މީދޫއިން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖައްސައިފި

މީދޫއިން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ދ. މީދޫ ބަނދަރު. ފޮޓޯ: މީދޫ މަސްވެރިން ފޭސްބުކް ޕޭޖް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2026، 03:35

02 ޖޫން 2026، 03:35

މަސްވެރިންނަށް ޚާއްޞަ އަގެއްގައި ދޫކުރާ ތެޔޮ ދ. މީދޫއިން މިހާރު ލިބޭނެކަަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ނިންމި ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނަގޮތަށް ކަންކަން އިންތިޒާމުކުރުމެވެ. މީގެކުރިން މަސްވެރިންނަށް ޚާއްޞަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަޙައްދަކުން ކަމަށްވީ ނަމަވެސް، މިހާރު އިތުރު 10 ސަރަޙައްދަކާއެކު ޖުމްލަ 14 ސަރަޙައްދަކުން މި ޚިދުމަތް ލިބޭނެއެވެ. ދ. މީދޫއަކީ މި އިންތިޒާމް އެންމެ ފަހުން ހަމަޖެހުނު ރަށެވެ.

ތެޔޮ ލިބޭނެ ސަރަޙައްދުތަކާއި ދޫކުރާ މިންވަރު

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ހަމައެކަނި ރ. އަތޮޅާއި ތ. އަތޮޅުގައެވެ. މިހާރު ތެޔޮ ލިބޭނެ ސަރަޙައްދުތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ފ. ނިލަންދު، ދ. ކުޑަހުވަދޫ، ދ. މީދޫ، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީ ހިމެނެއެވެ.

މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި މިންވަރުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5،000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3،000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1،500 ލީޓަރު ތެޔޮ ދޫކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރި އުޅަނދުތަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިވުމުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ވަނީ ދޫކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450